
އެދުވަހުގެ ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވި އެވެ. ހަތަރު ވަރަކަށް ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު ތިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތައް އެއްކޮށް އަނދާ ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.
އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ.
އަލިފާނުގެ ހާދިސާއަށްފަހު ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރި ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހާދިސާއަށް އަހަރެއް ވެގެން ދިޔައިރުވެސް ފުލުހުންގެ ތަހުގީގު ނުނިމެއެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތް ހާމައެއްވެސް ނުކުރެއެވެ. އެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބައްދަލުވުން ތާވަލު ކުރުމަށްފަހު ސަބަބެއްވެސް ނާންގައި ކެންސަލް ކުރިއެވެ.
އެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށްވެސް ފުލުހުން އެދުނެވެ. އަދި އޭގެ ފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ޓީމު ރާއްޖޭގައި ދެ ދުވަސް ހޭދަކޮށްފައި ފުރައިގެން ދިޔައިރުވެސް، އަދި އޭގެ ފަހުންވެސް އަހަރެއްވާއިރު ތަހުގީގަށް ލިބުނު ކުރިއެރުމެއްވެސް، ތަހުގީގު އޮތް ހިސާބެއްވެސް ނޭނގެއެވެ.
އަހަރެއް ވެގެންދިޔައިރު އެނގެން އޮތީ އަލިފާނުގެ ހާދިސާގައި ވަރަށްބޮޑަށް ގެއްލުންވި ކުރިން މިނިސްޓްރީތައް ހިންގި ދެ އިމާރާތުގެ ދޭތެރޭގައި މިހާރު ފުޓްސެލް ދަނޑެއް އަޅައިފި ކަމެވެ. އެ ދަނޑުގައި ސަރުކާރަށް ނިސްބަތްވާ ބަޔަކު ކޮންމެ ދުވަކުހެން ކަހަލަ ގޮތަކަށް ފުޓްބޯޅަ ކުޅެމުންދާ ކަމެވެ. އެ ފޮޓޯތައް މިހާރު ސޯޝަލްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.
އެހެންނަމަވެސް އަދިވެސް އެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ފުލުހުންގެ ބަހެއްނެތެވެ. ތަހުގީގު އޮތީ ވާނުވާގައެވެ.




