ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން..
ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކަށް ދައުވާކުރަނީ
ޖުނާން އަޙުމަދު 25 ޖެނުއަރީ 2026 (އާދީއްތަ)   21:20
ޓީޗަރަކު ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ޓީޗަރަށް ދައުވާކުރަން ފޮނުވައިިފިއެވެ.

ޕީޖީ (ޕްރޮސެކިއުޓާ ޖެނެރަލް) ގެ އޮފީހުން ބުނީ، މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ މަގާމު އަދާކުރަމުންދިޔަ މ.ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާކަމަށާ، އެ ދައުވާތަކަކީ ޝުއައިބު އަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި އެކުދިންނަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެއްކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ، ޝުއައިބު އަބްދުﷲ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާގެ އިތުރުން ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމާއި ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ކުށަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށްތަކެއް ކަމަށް ވާއިރު، އޮރިޔާން ކާޑު ގެންގުޅުމަކީ 1 މަހާއި ހަ ދުވަހަށް ޖަލަށް ލެވޭ ކުށެކެވެ.

އެހެންކަމުން، މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާ މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް