
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިއަދު ބަންދުން ދޫކޮށްލާފައި ވަނީ މުހައްމަދު ވަހީދު، ދިގަލި، ބ. އޭދުފުށި އާއި އަހުމަދު އާރިފް، މއ. އެވާގްލޯރީ ގެ އިތުރުން ހަސަން އަބްދުއްރަހުމާން، ލިންކް، ކ. ތުލުސްދޫ އެވެ. އޭގެތެރެއިން ހަސަން އަބްދުއްރަހްމާން އަކީ ކޮންޓޭނަރު ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާ ތިލަފުށީ ސައިޓާ ހަވާލުވެހުރި މީހާ އެވެ.
އެ ތިން މީހުން ވެސް ބަންދުން ދޫކޮށްލާފައި ވަނީ ޕީޖީ އޮފީހުން އެދިގެންނެވެ. އެ މީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހު އެވެ.
"...(އެ ތިން މީހުން) ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މި އޮފީހުން އެދުނު ގޮތަށް އެ މީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމާފައިވޭ،" އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ވަހީދު އާއި އާރިފްގެ މައްޗަށް ތުހުމަތު ކުރެވެނީ ސިނގިރޭޓު ވައްކަން ރޭވުން ކަމަށެވެ. ނަމަވެސް، އެކަމުގައި އަމަލީގޮތުން އެ މީހުން ބައިވެރިވެފައިވާކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އަދި، މިއަދު ދޫކޮށްލި ހަސަން ވެސް އެ ވައްކަމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މި ވަގުތު ބަންދުގައި ތިބީ ހަތް މީހުންނެވެ. އެއީ:
އޭގެތެރެއިން ސާމިހު އާއި ޝަހީމްގެ އިތުރުން ޒިވާރުއަކީ ކަސްޓަމްސްގެ މުވައްޒަފުންނެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރުމާއެކު، ޒިވާރު ވަނީ ކަސްޓަމްސްގެ ވަޒީފާއިން ވަކިކޮށްފަ އެވެ.
މުއާޒު އަލީއަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. މިފްކޯއިން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އެ މަގާމުން އޭނާ ސަސްޕެންޑު ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.
ދެން އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް ވަހީދުއަކީ ކޮންޓޭނަރު އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ދޯނީގެ ކެޕްޓަނެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ސިނގިރޭޓް ކޮންޓެއިނާތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. އެ ކޮންޓެއިނާތައް ވަގަށް ނެގިކަން ކަސްޓަމްސް އަށް އެނގުނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގެ ރެއެވެ.




