
ކަސްޓަމްސްއިން އާންމުކުރި ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ 1,830,000 (އެއް މިލިޔަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
އަދި އެ ސިނގިރޭޓުތައް ނައްތައިލީ ހިތަދޫ ބަނދަރު ސަރަހައްދުގައި އެ ތަކެތީގައި ރޯކޮށްލައިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައެވެ. އެގޮތުން 20 ސިނގިރޭޓް ހިމެނޭ ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 60 ރުފިޔާ ވަނީ، 160 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެ ބަދަލާއެކު، ސިނގިރޭޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ކުރިން 110 އަށް ލިބުނު ސިނގިރޭޓް ފޮށީގެ އަގު 250އަށް އެރިއެވެ.
އޭގެ ފަހުން ސިނގިރޭޓު ވިކޭ މިންވަރު ދަށްވި ކަމަށް ވިޔަފާރިވެރިން ރިޕޯޓުކުރިއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރު ތެރޭގައި، ބޮޑެތި އަދަދުތަކުން ސިނގިރޭޓު ވަގަށް އެތެރެކުރުމާއި ވަގަށް ނެގުން ފަދަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
ކުރިން ސިނގިރޭޓު ލިބެން ހުރި އަގަށް ވުރެ ހެޔޮކޮށް ވަގު ސިނގިރޭޓު ގަންނަން ވެސް ލިބެއެވެ. މާލޭގައި އެންމެ ފުޅާކޮށް ދައުރު ކުރާ ވަގު ސިނގިރޭޓަކީ މެންޗެސްޓާ އެވެ. މެންޗެސްޓާ ސިނގިރޭޓު ފޮއްޓެއް 100 ރުފިޔާއަށް ލިބެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ސިނގިރޭޓު އެތެރެކުރި އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައިރު، އިމްޕޯޓް ޑިއުޓީއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުން މިހާތަނަށް ލިބުނީ 61 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުން ވެސް ވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ސިނގިރޭޓު އެތެރެކުރި މިންވަރު ދަށްކަން ފާހަގަ ކުރެވިފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހަށް، 167 މިލިޔަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރި ކަމަށް ތަފާސްހިސާބުން ދައްކައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީން ޖުލައި މަހަށް އެތެރެކޮށްފައިވަނީ 41 މިލިޔަން ސިނގިރޭޓު ކަމަށް ތަފާސްހިސާބުން ދައްކައެވެ. މިއީ 126 މިލިއަންގެ ފަރަގެކެވެ.




