ވޯލްޑް ކަޕް 2026 ގެ ގްރޫޕްތައް ބެހިފައިވާ ގޮތް.--
ވޯލްޑް ކަޕް 2026 ގެ ގުރުނެގުން ބާއްވައިފި
6 ޑިސެމްބަރ 2025 (ހޮނިހިރު)   10:06
އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރުނެގުން ބާއްވައިފި އެވެ.

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ޖޯން އެފް ކެނެޑީ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ތިން ގައުމުކަމަށްވާ އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ގުރުނެގުމުގެ ބޮޑު ރަސްމިއްޔާތުގައި ޖުމްލަ 48 ގައުމު، އެއް ގައުމު އަނެއް ގައުމާ ބައްދަލުކުރާއިރު، ފީފާ ރޭންކިންގައި މިވަގުތު ގަދަ ހަތަރެއްގައި އޮތް ސްޕެއިން، އާޖެންޓީނާ، ފްރާންސް އަދި އިންގްލެންޑަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. މި ހަތަރު ޓީމަށް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަން އެންމެ އަވަހަށް ވެސް ޖެހޭނީ ސެމީ ފައިނަލްގަ އެވެ.

މި މުބާރާތަކީ 48 ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖް ބަހާލާފައި އޮތީ 4 ޓީމު ހިމެނޭ 12 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ ގަދަ 2 ޓީމު ނޮކްއައުޓް ސްޓޭޖަށް ދާނެ އެވެ. ދެން އެ ފުރުސަތު އޮންނާނީ އެންމެ ރަނގަޅު ނަތީޖާއެއްގައި ގްރޫޕްގެ 3 ވަނަ ހޯދާ 8 ޓީމަށެވެ.

-

ވޯލްޑް ކަޕްގެ ގްރޫޕްތައް ބެހުނު ގޮތް:

  • ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ސައުތު ކޮރެޔާ، ޔޫއެފާގެ ޕްލޭ އޮފް ގްރޫޕް ޑީ
  • ގްރޫޕް ބީ: ކެނެޑާ، ގަތަރު ސްވިޓްޒަލެންޑް، ޔޫއެފާ ޕްލޭ އޮފް ގްރޫޕް އޭ
  • ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ހެއިޓީ، ސްކޮޓްލެންޑް
  • ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިޔާ، ޔޫއެފާ ޕްްލޭއޮފް ގްރޫޕް ސީ
  • ގްރޫޕް އީ: ޖަރުމަން، ކްރެކާއޯ، އައިވަރީ ކޯސްޓް، އިކުއެޑޯ
  • ގްރޫޕް އެފް: ނެދަލެންޑްސް، ޖަޕާން، ޓިއުނީޝިއާ، ޔޫއެފާ ޕްލޭއޮފް ގްރޫޕް ބީ
  • ގްރޫޕް ޖީ: ބެލްޖިއަމް، މިސްރު، އީރާން، ނިއު ޒީލެންޑް
  • ގްރޫޕް އެޗު: ސްޕެއިން، ކޭޕް ވާޑޭ، ސައުދީ އަރަބިޔާ، އުރުގުއޭ
  • ގްރޫޕް އައި: ފްރާންސް ސެނެގޯލް، ނޯވޭ، ފީފާ ޕްލޭއޮފް 2
  • ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިޔާ، އޮސްޓްރިޔާ، ޖޯޑަން
  • ގްރޫޕް ކޭ: ޕޯޗުގަލް، އުޒުބަކިސްތާން، ކޮލަމްބިއާ، ފީފާ ޕްލޭއޮފް 1
  • ގްރޫޕް އެލް: އިންގްލެންޑް، ކްރޮއޭޝިއާ، ގާނާ، ޕެނަމާ

-

ޔޫއެފާ ޕްލޭއޮފް ގްރޫޕްތަކުން ވޯލްޑް ކަޕަށް ހޮވޭނީ ގްރޫޕްގެ އެއްވަނަ އެވެ. މި މެޗުތަކުގައި ވާދަކުރަނީ:

  • ގްރޫޕް އޭ: އިޓަލީ، ވޭލްސް، ބޮސްނިއާ، ނޯދަން އަޔަލެންޑް
  • ގްރޫޕް ބީ: ޔުކްރެއިން، ޕޮލެންޑް، އަލްބޭނިއާ، ސްވިޑުން
  • ގްރޫޕް ސީ: ތުރުކީ، ސޮލެވޭކިއާ، ކޮސޯވޯ، ރޫމޭނިއާ
  • ގްރޫޕް ޑީ: ޑެންމާކް، ޗެކް ރިޕަބްލިކް، އަޔަލެންޑް، ނޯތު މެސެޑޯނިއާ

-

ފީފާ ޕްލޭއޮފް މެޗުތަކުގައި ވާދަކުރަނީ:

  • ޕްލޭއޮފް 1: ޑީއާރު ކޮންގޯ، ޖެމެއިކާ، ނިއު ކެލެޑޯނިއާ
  • ޕްލޭއޮފް 2: އިރާގު، ބޮލީވިއާ، ސުރިނޭމް

-

ވޯލްޑް ކަޕް ހުޅުވުން އޮންނާނީ 2026 ޖޫން 11 ގައި، މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގަ އެވެ. ވާދަކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާ އެވެ.

މެޗުތައް އޮންނާނެ ތަންތަނާއި ވަގުތު އެނގޭނީ މިއަދު އެކަމަށް ބާއްވާ ހާއްސަ ގުރުނެގުމުގަ އެވެ. އެކަމަކު މުބާރާތް ބާއްވާ ތިން ގައުމު ހިމެނޭ ގްރޫޕް މެޗުތައް އޮންނާނީ އެ ގައުމެއްގަ އެވެ.

ކޮމެންޓް