
މިފަހަރުވެސް އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ބޭސް ނުލިބޭ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ކުޑޫ އެވެ. އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި އެކި ފަހަރު މަތިން ކުޑޫ ވަނީ މަޖިލީހަށް އެކި ސިފަ ސިފައިގައި މައްސަލަ ހުށަހަޅުއްވާފައެވެ. ނޮވެމްބަރު 26، ގައި ކުޑޫ ހުށަހެޅުއްވި މައްސަލަ ވެސް ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލީއެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ކުޑޫ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ، ބޭސް ނުލިބުމުގެ މައްސަލައަށް "ހައްލެއް ނުލިބި، އެއްވާމެއްގައި މިކަން މިހިނގަމުންދަނީ ކީއްވެތޯ ބެލުމަށްޓަކައި، ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ އާސަންދަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކަމާގުޅޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.
މެންބަރު ކުޑޫގެ ސިޓީގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރުން ފެށިގެން ބޭސް ސިޓީއަށް އަމިއްލަ ބޭސްފިހާރަތަކުންނާއި އާސަންދައިގެ ދަށުން އަދި އެސްޓީއޯއިން ބޭސް ނުލިބޭ ކަމުގެ މައްސަލަތައް އާންމުން ހުށަހަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނޭ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް. މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަންކަމެއް ނޫން. މުޅި ދުނިޔެއަށް ދިމާވި ކޮވިޑު ގެ އާލަމީ ވަބާގެ ތެރޭގައިވެސް ބޭސް ލިބުން މިހާދައްޗެއް ނުވޭ،" ކުޑޫ، ބަޔާން ކުރައްވާފައި ވެއެވެ.
"ބޭސް ފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެންދިޔުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންކަމެއް."
ވެރިކަމުގެ ފުރަތަމަކޮޅު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކޮލިޓީ ބޭސް ޔޫރަޕުން ގެންނަވާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ދެއަހަރު ވެގެންދިޔައިރު ބޭސް ނުލިބުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުންފުންޏެއް ވެސް އުފެއްދި އެވެ. އަދި އޭގެ ކުރިން ވެސް ބޭސް ގެނައުމަށް ކަމަށް ބުނެ އެކި އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރި އެވެ. އެހެންނަމަވެސް އެއިން ކަމެއްގެ ހެޔޮ ނަތީޖާއެއް ފެނުމުގެ ބަދަލުގައި ހާލަތު ވަމުންދަނީ ގޯހެވެ.




