ތުޅާދޫ ރައްޔިތުންގެ ހައުސިން ޔުނިޓުތައް ދޫކުރުމުގައި ސަރުކާރުން ކަންކުރާ ގޮތާމެދު އެރަށު ރައްޔިތުން ކުރި އިހުތިޖާޖެއް
ތުޅާދޫ ހައުސިން ޔުނިޓުތަކާމެދު ސަރުކާރުން ކަންކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވޭގޮތަށް
ޖުނާން އަޙުމަދު 3 ޖެނުއަރީ 2026 (ހޮނިހިރު)   17:04
ފާއިތުވި އެމްޑީޕީ ސަރުކާރުން ބ. ތުޅާދޫގައި ގާއިމްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވޭފަދަ ގޮތްތަކަށް ކަމަށާ، އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާ އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާއިރު، އަދި، އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި، އެކަމަށް ހާއްސަކޮށް އެކުލަވައިލި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފަށައި، ލޯކަލް ކައުންސިލްތައް ގާއިމުކުރުމަށްފަހު، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގައި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ ބާރުތަކާއި ވަސީލަތްތައް ކައުންސިލްތަކަށް ދިނުމަށް ޓަކައި މުހިންމު އިސްލާހުތައް އެ ގާނޫނަށް ގެނެސްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް، މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް މި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށާފައި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މިގޮތުން، އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިން ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން މި ދެންނެވި އެ މަސައްކަތްތައް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި، އެ ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ވަނީ ކޯޓު އަމުރާ ހިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައެވެ." - އެމްޑީޕީ

ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ގާނޫނޫއަސާސީއާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއްކަމަށް ކަމަށް އެމްޑީޕީމް ބުނެއެވެ.

އެހެންކަމުން މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަންކަން ކަމުގައި ވާތީ، އެ ކަންކަން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލާ އެމްޑީޕީން ބުނެފައި ވަނީ، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ތުޅާދޫ ކައުންސިލަށް ގޮވައިލާ ކަމަށާ، އެ މަސައްކަތުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ކޮމެންޓް