
އެކަމާގުޅިގެން ނަތަންޔާހޫގެ އޮފީހުން ނެރުނު ނޫސް ބަޔާނަކާ ހަވާލާދީ ފަލަސްތީނުގެ ނޫސް އެޖެންސީ އެއް ކަމަށްވާ "ސާމާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުޑަކަމުދާ ނިޒާމުގެ ތެރޭގައި އުފެދުނު އިންފެކްޝަނެއް ބޮޑުވެ، ބެނިން ޕްރޮސްޓޭޓް ޓިއުމަރެއް އުފެދިފައިވާ ކަމަށް، ގުދުސްގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ ހަދާސާ ހޮސްޕިޓަލުން އޭނާ ހެދި ތަހުލީލުތަކަކުން ވަނީ ދައްކާފައެވެ.
އަދި މި ޚަބަރު އިސްރާއީލުގެ މަޝްހޫރު މީޑިއާ ތަކުގައި ރެއިން ފެށިގެން ފެތުރެމުން ދާއިރު، މިހާރު ވެސް ހަދާސާ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ކުރަމުން އަންނަ ކަމަށާ، އަދި އަންނަ އާދީއްތަ ދުވަހު އޭނާ އޮޕަރޭޝަން ކުރާނެ ކަމަށް ވެސް އިސްރާއީލުގެ މީޑިއާ ތަކުން ބުނެއެވެ.
އުމުރުން މިހާރު 75 އަހަރު ވެފައިވާ ނަތަންޔާހޫގެ އެ އޮޕަރޭޝަނަކީ ދެ ގަޑިއިރަށް ދެމިގެންދާނެ އޮޕަރޭޝަނެއް ކަމަށާ، އޮޕަރޭޝަން ފުރިހަމަ ކުރަން ޖެހެނީ ވެސް އޭނާ ހޭނައްތާފައި ބާއްވައިގެންކަމަށް ހަދާސާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޒަޔަނިސްޓް ލީޑަރު ނަތަންޔާހޫ އަށް ސިއްހީ ގޮތުން ކުރިމަތިވި ބޮޑެތި މައްސަލަ ތަކުގެ ތެރެއިން މިއީ އޭނާއަށް ކުރިމަތިވި ނާޒުކު ތިން ވަނަ މައްސަލައެވެ. އެގޮތުން ހާނިޔާގެ އޮޕަރޭޝަނެއް މިއަހަރުގެ މާރިޗް މަހު އޭނާ ކޮށްފައިވާއިރު، ހިތުގެ ސާޖަރީއަކަށް ފަހު އޭނާގެ ހިތަށް ވަނީ ޕޭސްމޭކާއެއް ވެސް މީގެ ކުރިން ލައްވާފައެވެ.
ފަރުވާއަށްޓަކައި ނަތަންޔާހޫ އެޑްމިޓް ކޮށްފައިވަނީ އޭނާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމާއި ރިޝްވަތު ހިފުން ފަދަ ދައުވާތަކެއްގެ ޝަރީއަތްތަކެއް އެ ގައުމުގެ ކޯޓެއްގައި ހިނގަމުން ދަނިކޮށް ކަމަށް ވީނަމަވެސް އެ މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ވަނީ ފަސްކޮށްފައެވެ.
ލިކުޑް ޕާޓީގެ މިހާރުގެ ލީޑަރު ނަތަންޔާހޫ 2022 ވަނަ އަހަރުން ފެށިގެން ޒަޔަނިސްޓް ވެރިކަމުގެ ބޮޑުވަޒީރުގެ މަގާމު އަދާކުރަމުން އަންނައިރު، މީގެ ކުރިން ވެސް އޭނާ ވަނީ އެ ގައުމުގެ ސަރުކާރު ތެރޭގެ އިސް މަގާމުތަކެއް ފުރާފައެވެ.
ޖައްބާރު އަނިޔާވެރި ނަތަންޔާހޫ އަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޓެރަރިސްޓް ހަރަކާތްތަކުގެ މޭސްތިރި ވެސް މެއެވެ.




