ހޫދު މުހައްމަދު ޒާހިރު
ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 23 އަހަރަށް ޖަލަށް
ހަސަން އިބްރާހީމް 28 ޑިސެމްބަރ 2025 (އާދީއްތަ)   18:33
ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހޫދު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކޮށްފަ އެވެ.

އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ: 

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުން.
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިއުންތައް ފެތުރުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން.

އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. އަދި އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ވެސް ސިއްރުކޮށްގެންނެވެ.

ހޫދަކީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހެއް ކަމަށާއި އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންނަމަވެސް ހޫދު ކުރިން ކޯޓުގައި ބުނެފައި ވަނީ އޭނާ އަކީ "ކޮމްޕިއުޓަ ސައިންސް އެނގޭ މީހެއް ނޫން" ކަމަށެވެ.

ކޮމެންޓް