ރައީސް ޔާމީން، ރީސެޓް ޖަލްސާގައި.-- ފޮޓޯ: ޕީއެންއެފް
ޖަލަށް ލަންޏާ ލާންވީ، އެކަމަކު އެއީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް
އެ މީހުން ބިރުގަންނަވަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް: ޔާމީން
ޖުނާން އަޙުމަދު 18 ޑިސެމްބަރ 2025 (ބުރާސްފަތި)   08:28
ގާނޫނީ ހަމަތަކުގެ މަތީން، އެ މަނިކުފާނުގެ ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށާ، ޖަލަށް ލަންޏާ ލާންވީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިމޭރުމުން ރައީސް ޔާމީން ވިދާޅުވީ، ރީސެޓްގެ ނަމުގައި ޕީއެންއެފް އިން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.  ދެން  އޮންނަ ރިޔާސީ އިންތިޚާބެއްގައި އެމަނިކުފާނު ވާދަކުރަން ހުރަހެއް ކުރިމަތިވެދާނެތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް ޖަލު ހުކުމެއް އަންނާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ. އަދި މިސަރުކާރުން އެކަން ކޮށްފިނަމަ އެއީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެހެންކަމުން މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލަންޏާ ޖަލަށް ލައްވަވާ. އެއީ އެބޭފުޅުން ހައްދަވާނެ އެންމެ ބޮޑު ގޯސް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ހީފުޅުކުރެއްވީ، އެމަނިކުފާނު ޖަލުގައި ބައިންދައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ތަގުދީރުގައި ﷲގެ ނިންމެވުން މާ ވަރުގަދަ ކަމަށް ޔާމީން ވިދާޅުވިއެވެ.


އަޅުގަނޑު ނިކުމެ ތިބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ. އަޅުގަނޑު ނިކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ. އެހެންވެއްޖެޔާ އެ މީހުން ބިރުގަންނަވަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް. - ރައީސް ޔާމީން


ރައީސް ޔާމީން ވިދާޅުވީ، މިހާރު އޮތް ސަރުކާރަށާއި ރައީސް ޑރ.މުޙައްމަދު މުއިއްޒަށް، ރާއްޖޭގައި ތާއީދު ނެތް މިންވަރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު އޮތް ތާއީދު ވެސް، އެމަނިކުފާނު "ގައިގައި އަތްލައިފިނަމަ ގެއްލޭނެ" ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޝަރުއީ ހަމަތަކުގެ މަތީން އިންސާފުވެރި ޝަރީއަތަކުން އެ މަނިކުފާނު ޖަލަށް ވެއްދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ގާނޫނީ ޝަރުއީ ހަމަތަކުގެ މަތީން އަޅުގަނޑު ގައިގައި އަތެއް ނުލެވޭނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ކުރައްވާ ކަންކަމުގެ ޒިންމާ ނަންގަވާނެ ކަމަށާ، އެ ކަންކަމުން ފިއްލަވައިގެން އެއްވެސް ތަނަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ކޮމެންޓް