
މާލެ ސިޓީގެ މޭޔަރުކަމަށް "ގައުމީ މޭޔަރު ކެންޑިޑޭޓް" ގެ ގޮތުގައި ޒަރިޔަންދު ނުކުންނަވާނެކަން އިއުލާނުކުރީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ "ރީސެޓް" ޖަލްސާގަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.
އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ހިތްވަރު ލިބުނީ ދޭތެރެ ދޭތެރެއިން އަޅުގަނޑު ހަބަރު ބަލައިލާ އުޅުމުގެ ތެރޭގައި އިވުނު ބަސްފުޅަކުން، މާލެ ސިޓީ ކައުންސިލުގެ ތެރޭގައި ޒަމާނުއްސުރެ ކޮރަޕްޝަންގެ ތުހުމަތު އޮތް ކަމަށާއި އެ ކައުންސިލުގެ އިދާރީ ހިންގުން ގާނޫނުގެ މަގަށް ގެނެސް ސާފުކޮށްގެން ނޫނީ އެ އިދާރާ ރަނގަޅު ނުވާނެ ކަމަށާއި ތިމަންނައަށް ފެންނަ ތަނުގައި ޒަރިޔަންދު ކަހަލަ މީހަކަށް ނޫނީ އެތަން ރީސެޓް ނުކުރެވޭނެ ކަމަށް ފެންނާތީ މި ފަހަރުގެ މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޒަރިޔަންދު ވާދަކުރުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވުން،" ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
އޭގެއިތުރުން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަންކަންވެސް ޒަރިޔަންދު ކުރެއްވިއެވެ.
ޒަރިޔަންދު އަކީ ރާއްޖޭގެ އުފެދުނު މޮޅު ގޯލް ކީޕަރެއްވެސް މެއެވެ. އޭނާ ވަނީ ގައުމީ ޓީމްގެ ގޯލުވެސް ބަހައްޓާފައެވެ.
ޕީއެންއެފްގެ ޓީކެޓުގައި ޒަރިޔަންދު މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާއިރު، އެ މަގާމަށް ޕީއެންސީގެ ޓީކެޓުގައި ވާދަކުރައްވަނީ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލު އެވެ. މާލެ ސިޓީގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.




