
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ކުރިއަށްގެންދާ ޖަލްސާއަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު އެޖެންޑާކޮށްފައި ވާއިރު، އެ އިސްލާހުތަކުގެތެރޭގައި މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އެކުގައި ކަމަށާ، އަދި، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީހު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުން ވެސް ހިމެނެއެވެ.
ޕީއެންއެފްގެ ރޭގެ ޖަލްސާގައި މިކަމާގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ރައީސާއި މަޖިލީހަކީ އެކަކު އަނެކަކު މައްޗަށް ފާރަވެރިވާ ދެ ބާރުކަން ކަމަށާ، ރައްޔިތުންގެ މަޖިލީހަކީ ބަޖެޓް ފާސްކޮށްދިނުމާއި ގާނޫނު ހެދުން އެ މަޖިލީހުގެ މެންޑޭޓުގައި ހިމެނުނު ނަމަވެސް، އެ މަޖިލީހުގެ އެންމެ ބޮޑު ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.
ބައެއް ސިޔާސީ ލީޑަރުން ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކުރައްވާ އަތް ޖެއްސެވި ނަމަވެސް، އެ ބަދަލު ގެނައުމުގެ ހިކުމަތެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކުރަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ދެ އިންތިހާބު އެއްކުރުމުން ފެންނަން ހުރީ ހަމަ ބޮޑެތި ގޯސްތައް ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. ނަަމަވެސް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، މިކަމާ ދެކޮޅުކަމަށް ދޭހަވާ މޭރުމަކުން އިއްޔެ މީސްމީޑިއާގައި ވިދާޅުވެފައެވެ.




