ރައީސް ޔާމީން، ޕީއެންއެފް އިން ބޭއްވި
ދީނާހިލާފަށް ވަލިއްޔުލްއަމްރު ކުރައްވާ ބައެއް ކަންކަމުގައި ދީނީ އިލްމުވެރިން ތިއްބަވަނީ ހަނު
ބަސް ވިދާޅުނުވެ ހަނު ތިއްބަވާފައި، ދީނީ ބައެއް ކަންކަމުގައި އިލްމުވެރިން ފަތުވާ ނެރުމުގެ ބޭނުމެއް ނެތް – ރައީސް ޔާމީން
ޖުނާން އަޙުމަދު 29 ޑިސެމްބަރ 2025 (ހޯމަ)   09:44
ދީނާ ހިލާފަށް ވަލިއްޔުލް އަމުރު ކަންކަންކުރާ އިރު ބަސް ނުބުނެ ހަނު ތިއްބަވާފައި، ދީނީ ބައެއް ކަންކަމުގައި ދީނީ އިލްމުވެރިން ފަތުވާ ނެރުއްވުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒަކީ ރަސްކަލަކު އަމަލު ކުރައްވާ ގޮތަށް އަމަލުކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާ، އިލްމާ ހިލްމަކީ ރައީސް މުއިއްޒުއާ ޕީއެންސީއަށް މުހިންމުކަމެއް ނޫންކަން، ވަޒީފާތަކަށް މީހުން އައްޔަންކުރަމުންދާ އުސޫލުން އެކަނިވެސް ދޭހަވާ ކަމަށެވެ.

"ރަސްކަލަކު ބަސްފުޅު އިއުލާންކުރައްވާފައި ކަންކަން ކުރީމަ ނިމުނީ. ހަމަ ވަޒީފާތައް ވެސް މިދެނީ އެގޮތަށް. ރަސްކަލަކު މިވެނި މީހަކަށް މިވެނި ކަމެއް ދޭށޭ ބުނީމަ އެކަން ނިމުނީ. ކޮންމެހެން މީހާގެ ފެންވަރެއް، މީހާގެ ގާބިލުކަމެއް، ތަޖުރިބާއެއް، ތައުލީމެއް ބަލާކަށް ނުވެސްޖެހޭ" – ރައީސް ޔާމީން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ޓިކެޓުތައްވެސް ބަހާލީ ޕާޓީ މީހުންނަށްވެސް އިސްކަމެއް ދިނުމެއް ނެތި ބޭނުން ގޮތަކަށް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެއީ ރަސްކަލުން އަމަލު ކުރައްވާ ގޮތް ކަމަށާ، އެގޮތުން ރަސްކަލަކުވެސް ކަންކަން ބޮޑަށް ބެލުމެއް ނެތި އޭނަ ބޭނުންގޮތަކަށް ބޭނުން ބަޔަކަށް ކަންކަން ބަހާލާ ކަމަށެވެ.

ދީނާ ހިލާފަށް ވަލިއްޔުލް އަމުރު ކަންކަންކުރާ އިރު ބަސް ނުބުނެ ހަނު ތިއްބަވާފައި، ދީނީ ބައެއް ކަންކަމުގައި ދީނީ އިލްމުވެރިން ފަތުވާ ނެރުއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އެގޮތުން ކުދި ކުދި ކަންކަމުގައި ވެސް ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހައްދަވަމުން ކަމަށާ ވެރިން ދޮގު ހެދުމަކީ އާދައިގެ ކަންކަން ނޫން ކަމަށް ވީހިނދު، އެކަންކަން އެނގި ތިބެމެ ދީނީ އިލްމުވެރިން ވެސް ހަނު ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޕީއެންސީއިން ބޭއްވި ޕްރައިމަރީގައި ވަކި ބަޔަކަށް ފުރުސަތު ދޭން އެ ޕާޓީއިން ބޭނުން ނުވީ ރައްޔިތުންގެ ނުރުހުން އެނގޭތީ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އަދި ޕީއެންސީގެ އިސް ފަރާތްތަކުގެ ގޮތުގައި ޖާހިލުން ނޫން ބަޔަކު ނެތް ކަމަށާ، ޕީއެންސީ އަކީ ޑިމޮކްރެސީގެ އުސޫލުން ހޮވޭ މީހަކަށް ވެސް ޖާގަދޭނެ ޕާޓީއެއް ނޫން ކަމަށެވެ.

އަދި ޕްރައިމަރީން ވެސް ބައެއް ފަރާތްތަކަށް ޖާގަ ނުދެނީ އެމީހުން ކޮންޓްރޯލް ނުކުރެވޭނެތީ ކަމަށާއި އެއަށް ވުރެ އިހަށް ދުވަހު އެމްޑީޕީ ދޫކޮށް އަންނަ މީހާވެސް ޕީއެންސީއަށް މާ ރަނގަޅު ވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް