
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙުސާން ވިދާޅުވީި ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ރާއްޖެއިން ފޮނުވާލާފައި ވާއިރު، އެ އަދަދާއެކު މިހާތަނަށް ރާއްޖެއިން 9،697 ބިދޭސީން ޑީޕޯޓްކޮށްފައި ވާނެކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި ނޭނގޭހާ ގޯސްކޮށްކަން ފާހަގަކުރައްވާ އިޙުސާން ވިދާޅުވީ، 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް ދެ ލައްކަ ދެހާސް ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.
އަދި އެކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭހަކަށް ބަހާލައިގެން ކަމަށާ، މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެ އިޙުސާން ވިދާޅުވީ، މި އޮޕަރޭޝަންގެ ފަހު ފޭސް ނިމޭހިސާބުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީއަކަށް ނޫޅެވޭނެކަމަށެވެ.
އަދި މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާ، އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހިސާބަށް، ފިންގަރ ޕްރިންޓް ނެގިފައި ތިބި މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި މީހުން ގަވާއިދުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ތިން މަސް ދުވަހުގެ މުއްދަތަށް ހުޅުވާލާނެ ކަމަށް ވިދާޅުވެ، ވަޒީރު ވިދާޅުވީ މި ތިން މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ.




