ނ.މާފަރު ކަސްޓަމްސް އިމާރާތް ހުޅުވުން.--
މާފަރުގައި ގާއިމުކުރި ކަސްޓަމްސް އިމާރާތް ހުޅުވައިފި
މަރްޔަމް މުޙައްމަދު 23 ޑިސެމްބަރ 2025 (އަންގާރަ)   07:26
އަތޮޅުތަކުގައި ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމުގެ ތެރެއިން ނ.މާފަރުގައި ގާއިމުކުރި ކަސްޓަމްސް އާ އޮފީސް އިމާރާތް ހުޅުވައިފިއެވެ.

ކުރީ ސަރުކާރުން މާފަރުގައި އިމާރާތްކުރަން ފެށި ކަސްޓަމްގެ އާ އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

އިންޓަރނޭޝަނަށް އެއާޕޯޓެއް އޮންނަ މާފަރުގައި ތަރައްގީކޮށް ހުޅުވާފައިވަނީ އެރަށުގައި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އޮފީސް އިމާރާތެކެވެ. މިއީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރި ޕްރޮޖެކްޓެކެވެ.

ކަސްޓަމްސްގެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާފަރުގައި ހުޅުވުނު ކަސްޓަމްސް އިމާރާތާއެކު އެ ސަރަހައްދުގައި ކަސްޓަމްސްގެ ޚިދުމަތް އިތުރަށް ފުޅާވެ، ހަރުދަނާވެގެންދާނެކަމަށެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި ނ.އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހިންގަމުންދާ ސަރަހައްދަކަށްވުމާއެކު، އެތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށާއި، ރިސޯޓްތަކަށް ގެންނަ މުދަލުގެ ލިޔެކިޔުން ނިންމާ އަވަހަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ނުހަނު މުހިންމުކަމެއްކަމަށެވެ. އެހެންކަމުން މި އާ އޮފީހުގެ ސަބަބުން އެފަދަ ޚިދުމަތްތައް ދިނުމުގައި އިތުރު ފުރިހަމަކަން އަންނާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން ދެއްކެވި ވާހަކައިގާ ވިދާޅުވީ ކަސްޓަމްސްގެ އާ އޮފީހާއެކު މާފަރު އެއާޕޯޓްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެން ދާނެކަމަށެވެ.

"މި ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ކަސްޓަމްސްގެ އިތުރު ޚިދުމަތްތައް ފޯރުކޮށް ދިނުމަކީވެސް މި އޮފީހުން ކުރިއަށްގެންދާނެ ކަމެއް. އެގޮތުން އެކްސްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި އިމްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި، އަދި ކުރިން މާލޭ އެއާޕޯޓުން ނުވަތަ މާލޭ ޕޯޓުން އެތެރެވެގެންއައި މުދާ، އެޕޯޓުތަކާއި އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުން އަދި ދުނިޔޭގެ އެހެން މަންޒިލްތަކުން މިއަތޮޅަށް، މިރަށަށް ގެނެސް މި ރަށުގައި ކްލިއާކުރުންފަދަ ޚިދުމަތްތައް މި ހުޅުވުނު ކަސްޓަމްސް އޮފީހުން ދެމުން ގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މާފަރުގައި މި ހުޅުވި ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. 8.66 މިލިޔަން ރުފިޔާގެ މި މަޝްރޫއުން ގާއިމްކުރި މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގައާއި، 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއަކާއެކު، މީޓިންގ ރޫމެއް ހިމެނެއެވެ.

މި އޮފީހުގައި މައިގަނޑުގޮތެއްގައި ކުރިއަށްދާނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި އެ އެއާޕޯޓް މެދުވެރިކޮށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ މުދަލާއި ގުޅިގެން ކަސްޓަމްސްއިން ނިންމަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނިންމުމާއި، އެކަންކަން ކަންކަން ވިލަރެސް ކުރުމުގެ މަސައްކަތް ކަމަށާ، މި އިމަރާތަކީ ކަސްޓަމްސްގެ މަސައްކަތަށް އެންމެ އެކަށޭނަގޮތަށް ފަރުމާކުރެވި، ގާއިމްކުރެވިފައިވާ އިމާރާތެއްކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް