
ރިޕޯޓްތައް ބުނާގޮތުން ހާދީގެ ބޮލަށް ބަޑިޖަހާފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އޮޓޯރިކްޝާއެއްގައި ދުއްވާފައި ދަނިކޮށެވެ. ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ މީހެކެވެ. އަދި ހަމަލާއާއެކު ހާދީއަށް ފަރުވާ ދިނުމަށް ޑާކާ މެޑިކަލް ހޮސްޕިޓަލަށް ގެންދިޔައެވެ. ހާދީގެ ސިކުނޑިއަށް ގެއްލުން ލިބިފައި ވާތީއާއެކު އިތުރު ފަރުވާއަށް ޑިސެމްބަރު 15 ވަނަ ދުވަހު ސިންގަޕޫރަށް ގެންދިޔައެވެ.
ހާދީ މަރުވީ އޭނާއަށް އަމާޒުކޮށް ދިން ހަމަލާއަށް ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގެ ނިއުރޯސާޖިކަލް އިންޓެންސިވް ކެއާ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ އެވެ.
"ޑޮކްޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ހާދީ މަރުވީ އޭނާއަށް ލިބުނު އަނިޔާތަކުގައި." ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އުމުރުން 32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ މުޒާހަރާ ޖަމާއަތް، އިންގިލާބް މަންޗާގެ އިސް ލީޑަރެކެވެ. އަދި އޭނާއަކީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ފިއްލަވައިގެން މިހާރު ދިރިއުޅުއްވަމުން ގެންދަވާ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ.
ޝަރީފް އުސްމާން ބިން ހާދީގެ މަރާ ގުޅިގެން ބާއްވާ މުޒާހަރާގެ ބައިވެރިޔަކު އޭނާގެ ފޮޓޯ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
ހާދީގެ މަރާ ގުޅިގެން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް ވަނީ ތައުޒިއާ ވިދާޅުވެފައެވެ.
އަދި މިއަދުގެ ހުކުރު ނަމާދަށް ފަހު މިސްކިތްތަކުގައި ހާއްސަ ނަމާދެއް ކޮށް، ހިތާމަ ފާޅުކުރުމުގެ ގޮތުން ހޮނިހިރު ދުވަސް ބަންދުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހާދީއަށް ބަޑިން ހަމަލާދިން މީހުން ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ޝައްކު ކުރެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރު ކުރުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޓާކާ ނުވަތަ 42،000 ޑޮލަރު ގެ އިނާމެއް ދިނުމަށް ހުށަހަޅާފައިވެއެވެ.
ހާދީ މަރުވި ޚަބަރު ލިބުމާއެކު އެތައް ސަތޭކަ ބަޔަކު ވަނީ ބަންގްލަދޭޝްގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ. އެ މުޒާހަރާތަކުގައި ބައެއް މީހުންގެ މުދަލަށާއި ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތައް ދެމުން އެބަދެއެވެ.




