ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ⁠ޒިޔާ
ޚާލިދާ ⁠ޒިޔާ އަވަހާރަވެއްޖެ
މަރްޔަމް މުޙައްމަދު 30 ޑިސެމްބަރ 2025 (އަންގާރަ)   09:21
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގައިވާ ޚާލިދާ ޚަނާމް ޕުޓުލް (ޚާލިދާ ޒިޔާ) އަވަހާރަވެއްޖެއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި އެކަމަނާ އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެކަމަނާ އަވަހާރަވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ވެރިރަށް ޑާކާގައި ހުންނަ އެވަރކެއާ ހޮސްޕިޓަލުގައި އެކަމަނާ އަވަހާރަވީއިރު އެ ހޮސްޕިޓަލުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކަމަނާގެ ޕާޓީ ބީއެންޕީ (ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ) އާއި ބަންގްލަދޭޝްގެ މީޑިއާތަކުން އެކަމަނާ އަވަހާރަވީކަން ކަށަވަރުކޮށްދީފައި ވާއިރު، އަވަހާރަވި ިރުގައި އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.

ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި ދާދިފަހުން ވެރިކަމުން ވައްޓާލި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ޚާލިދާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އެކުށުގައި 2018ވަނަ އަހަރު އޭނާ ޖަލަށްލިއެވެ. ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމަށް އޭނާއަށް ހުއްދައެއް ނުލިބުނެވެ. ޖަލުން ދޫކޮށްލީ މިދިޔަ އަހަރު، ހަސީނާ ވެރިކަން ވެއްޓުމުންނެވެ.

1991ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދަވާފައި ވަނީ ޙަސީނާއާއި ޚަލިދާއެވެ. ބަންގްލަދޭޝްގެ ވެރިކަމާ 76 އަހަރުގެ ޙަސީނާ ހަވާލުވެ ވަޑައިގަތީ, އެ ޤައުމުގެ ބާނީގެ ގޮތުގައި ބެލެވޭ އޭނާގެ ބައްޕާފުޅު މުޖީބް-އަލް-ރަޙްމާން 1975ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ. 78 އަހަރުގެ ޚާލިދާއަށް ވެރިކަން ލިބުނީ ބީއެންޕީގެ ކުރީގެ ވެރިޔާ އަދި އޭނާގެ ފިރިކަލުން ޒިޔާޢު-އަލް-ރަޙްމާން 1981ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ. މުޖީބު-އަލް-ރަޙްމާނާއި ޒިޔާޢު-އަލް-ރަޙްމާން ވެސް އަވަހާރަ ކޮށްލާފައި ވަނީ އަސްކަރީ ބަޣާވާތްތަކެއްގައި ކަމަށް އެގައުމުގެ ތާރީހުތަކުން ފެންނަން އޮވެއެވެ.

ކޮމެންޓް