
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތާއެކު އެ ސަރަހައްދުގެ އެއްގަމުތޮށި ވެސް އަލުން ތަރައްގީކުރުމަށް ހަމަޖެހިފައިވާތީ، މަސް ދޯނިތައް އަޅާ ސަރަހައްދުން އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން އިއުލާންކުރީ ހުސްވި ހަފްތާތެރޭގައެވެ.
އެމްޕީއެލް އިން އޭރު ބުނީ، އަމާޒުކޮށްފައިވަނީ ބާޒާރު މަތި، މުޅި ސަރަހައްދުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް ކަމަށާ، ދެވަނަ އަދި ތިންވަނަ ސެގްމަންޓްގައި ހިމެނޭނީ އަތޮޅުތަކަށް މުދާ އުފުލާ ބޯޓުފަހަރު އަޅަމުންދާ ސަރަހަދު ކަމަށެވެ.
މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި، މާލޭގެ ލޯކަލް މާރުކޭޓުން ފަށައިގެން، ނޯތު ހާބަރާ ހަމައަށް ޖުމްލަ 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށާ، އެގޮތުން މިހާރު ވަނީ މަގުގެ އަމަލީ މަސައްކަތްތައް ސައިޓުގައި ފަށާފައި ކަމަށް ވެސް އެމްޕީއެލް އިން އޭރު ބުންޏެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންދާ މި މަސައްކަތުގެ ތެރެއިން ބާޒާރުމަތީ އަތޮޅު ފިހާރަތަކުގެ ކުރިމަތީގައިހުރި ބޮޑެތި ގަސްތައް ކަނޑަން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ގަސްތައް ކަނޑަންފެށުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޒަމާންވީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ބްލޫ ޕީސް" އިން ބުނެފައި ވަނީ، އަތޮޅު ފިހާރަތަކާ ދިމާލުން ޕޭމަންޓު މަތީގައި ހުރި ހިޔާބޮޑެތި ގަސްތަކެއް މިގޮތަށް ކަނޑާލާފައިވާ ތަން ފެނުމަކީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެ ގަސްތަކުގައި އަތްނުލައިވެސް ބާޒާރުމަތީގެ މަގު ބަނދަރަށް ވާގޮތަށް ފުޅާކުރެވިދާނެކަމަށް ދެކޭކަމަށްވެސް ބްލޫ ޕީސް އިން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން ބައެއް އާންމުން ވެސް މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ތިމާވެށި ހިމާޔަތްކުރުމަށް ގިނަ މަންސަތަކެއްގައި ވަކާލާތުކުރާ އަދި ތިމާވެއްޓާ ގުޅުންހުރި ގިނަ ލިޔުންތަކެއް ވެސް ޝާއިއުކޮށްފައިވާ، މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް) ބުނެފައި ވަނީ، މާލޭ ބާޒާރުމައްޗަކީ މާލޭ ސަގާފީ އައިޑެންޓިޓީގެ އެއްބައި ކަމަށާ، އަލުން ތަރައްގީ ކުރާއިރު އެތަނުގައި މިހާރު ހުރި ގަސްތަކާ އެކު ތަރައްގީ ކުރެވޭނެ ގޮތެއްގެ ވިސްނުން ނެތުމަކީ ދެރަކަމެއް ކަމަށެވެ.
ރައީސް މުއިއްޒު ވިލިމާލޭގައި ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައެއް ރައްޔިތުން ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފައި ވުމުން، އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ރައީސް ނިންމެވި ނިންމެވުމާގުޅިގެން ވެސް މި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ.
އެ ނިކަގަސްތައް ކަނޑަން ނިންމުމާ އެކު، ތިމާވެށީގެ ހިމާޔާތުގައި އަޑުއުފުލާ ގިނަބަޔަކު މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު، ރައީސް ވަނީ ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި އެ ރަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފައެވެ.




