ބ.އޭދަފުށި. ފޮޓޯ: އޭދަފުށީ ކައުންސިލް
ހާމައަށް ކުނިއެންދުން އޭދަފުށީގައި ހުއްޓާލަން ނިންމައިފި
މަރްޔަމް މުޙައްމަދު 14 ޑިސެމްބަރ 2025 (އާދީއްތަ)   11:17
ބ. އޭދަފުށީގައި ހާމައަށް ކުނި އެންދުން ހުއްޓާލުމަށް  ނިންމާ އެރަށު ކައުންސިލުން އެކަމަށް ތައްޔާރުވަމުން އަންނަކަމަށް އޭދަފުށީ ކައުންސިލުން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށި، އޭދަފުށީގައި ހާމައަށް ކުނި އެންދުން މުޅިން ހުއްޓާލެވޭނެ ކަމަށް، އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު މީޑިއާގައި ވިދާޅުވިއެވެ.

އަދި އެ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ކަމަށް ވާއިރު، މި މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށް، ހޭލުންތެރި ކުރުވުމަށް އެރަށުގެ ރައްޔިތުންނާ ކައުންސިލުން ރޭ ވަނީ ބައްދަލުކޮށްފައެވެ.

ހާމައަށް ކުނި އެންދުމަކީ ތިމާވެއްޓަށާއި، ފަތުރުވެރިކަމަށް އަދި ސިއްހަތަށް ނުހަނު ބޮޑު ގެއްލުންތަކެއް ލިބޭ ކަމަކަށްވާތީ، ހާމައަށް ކުނި އެންދުން ހުއްޓާލުމުގެ ގޮތުން "އީކޯ-ސެންޓްރޯ" ތައް ގާއިމްކުރެވި، އެ ސެންޓަރުތަކުގައި އެ ރަށްރަށުން އުފައްދާ ކުނި ޖަމާކޮށް، ރީސައިކަލް ކުރުމާއި، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށާ، މިކަމުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް، ފާތިޙު ވިދާޅުވިއެވެ.

"ނަމޫނާ ބ. އަތޮޅު” ގެ ނަމުގައި ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ބ. އަތޮޅުގެ ބައެއް ރަށްރަށުގައި މީގެ ކުރިން ވެސް ވަނީ ހާމައަށް ކުނި އެންދުން ހުއްޓާލާފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް