
އެންމެ ގިނަ ގެސްޓްހައުސް ހިންގާ މާފުއްޓާ ހައެއް ކިލޯމީޓަރު ދުރުގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކާތީ އެކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ މާފުށީ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
އެހެންކަމުން މިއަދުގެ މުޒާހަރާ އިންތިޒާމުކުރީ މާފުށީގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ ފަރާތްތަކުންނެވެ.
މިއަދު ހަވީރު 4:00 ހާއިރު ފެށި މި މުޒާހަރާގައި 20 ވަރަކަށް ލޯންޗާއި ދެތިން ޑައިވިން ދޯނި ބައިވެރިވިއެވެ. ގައުމީ ދިދަ އާއި އެކި ޝުއޫރުތައް ލިޔެފައިހުރި ބޯޑުތަކާއެކު، އެ އުޅަނދުތައް ޑްރެޖަރު ވަށައިގެން ދުއްވައި، މަޑުކޮށްގެން ތިބެ ފަރުތައް ހިމާޔަތް ކުރަން ކުރުމަށާއި ތިމާވެށްޓަށް ގެއްލުންވާނެހެން ވެލި ނުނެގުމަށް ގޮވާލިއެވެ.
މީގެ އިތުރުން މާފުށި ސަރަހައްދުގެ ފަރުތަކަށް ޑައިވް ކުރަން މިހަރު އުނދަގޫ ވެފައިވާ ކަމާއި ރަސްމާލެ ހިއްކާތީ މުޅި ސަރަހައްދުގެ ފަރުތައް އޮންނަނީ ކިލަނބުވެފައިކަންވެސް މުޒާހަރާގެ ބައިވެރިން ފާހަގަ ކުރިއެވެ. އަދި މާފުށި ކައިރި އޮންނަ ޝިޕްރެކަށް ވެސް ޑައިވް ނުކުރެވޭތާ އެތައް ދުވަހެއް ވެފައިވާކަން މުޒާހަރާގެ ބައިވެރިން ފާހަގަ ކުރިއެވެ.
ރަސްމާލޭގެ ދެކުނުން އޮންނަ ގުޅި، މާފުށި އަދި ގުރައިދޫއަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ތިން ރަށެވެ.
ރަސްމާލެ ހިއްކުމަށް މިހާރު ބޭނުންކުރަނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ކްރިސްޓޮބަލް ކޯލޮން އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކުމަށް ވެލި ނަގަމުންދަނީ މާފުއްޓާއި މޭލަކަށްވުރެ ވެސް ކައިރިންނެވެ.
ވެލި ނެގުމުގެ ސަބަބުން މާލެ އަތޮޅު ދެކުނު ބުރީގެ އެކި ހިސާބުތަކަށް ހުއްޓުމެއްނެތި ކުނޑި ކިސަޑު ފެތުރެމުންދާކަން ޑްރޯން ވީޑިއޯތަކުންނާއި ސެޓްލައިޓު ފޮޓޯތަކުން ވެސް ފެންނަން ހުރެއެވެ. އެކަން މީސް މީޑިއާގައި ވެސް ގިނަބަޔަކު ހިއްސާކުރަމުން ދެއެވެ. އެހެން ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެސް އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވެސް މިއިން ކަމަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ.




