
"ކޮޕް ފިފްޓީން" ފަދަ ތިމާވެއްޓާބެހޭ ދުނިޔޭގެ ބޮޑެތި ސަމިޓުތަކުން ވެސް މަގުބޫލުކަން ލިބިލައްވާފައިވާ ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދާދިފަހުން މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ފުށިދިގަރު ފަޅުތެރޭގައި ހިންގަމުންދާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް ފާހަގަކުރެވުނު ކަމަށެވެ.
އެގޮތުން ބިންހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކޮންޓްރޯލެއް ނެތި މަށި ކިލަނބު ފެތުރުމުގެ ސަބަބުން ވަށައިގެންވާ މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާ، ރާއްޖޭގެ ތަރައްގީއަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ހުރިހާ ކޮންޓްރެކްޓަރުންވެސް ސަރުކާރުގެ ބިން ހިއްކުމާއި ބިން ހިއްކުމުގެ ގަވާއިދުގެ އިތުރުން ތިމާވެށީގެ އަސަރު ވަޒަންކުރުމުގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް ވަރަށް ބޮޑަށް ތަބާވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް، ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރައްވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުރުން ވެސް މާފުއްޓާއި ގުޅި އަދި ގުރައިދޫގެ ގިނަ ރައްޔިތުން މިކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ. އެ މީހުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ތަރައްގީގެ މަޝްރޫއެއް ހިންގުމުގެ ނަމުގައި މުޅި އެ ސަރަހައްދުގެ ކަނޑުފަޅުގެ ދިރުންތަކާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް ވަމުން ދިޔުމެވެ.




