
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި، ވާހަކަ ދެއްކެވި އަބްދުލް ހަމީދު (ހަމިއްޓޭ) ބުނުއްވީ އޭނާއަކީ މި ސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު މިސަރުކާރުގައި ސްޓެލްކޯގެ މަގާމެއްގައި ހުރި މީހެއް މިއީ. އަޅުގަނޑުގެ ކުށަކީ ކޮބައިތޯ! ކުށަކަށްވީ ރައީސް އޮފީހަށް ގޮސް ހެރިންސް އައްޅޯ (ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު) އާ ބައްދަލުކޮށް، ފަހުމީގެ ވާހަކަތައް ކިޔައިދިނުން.. ފަހުމީ އަކީ ކޮރަޕްޝަން..." ކަންހިނގާދިޔަ ގޮތް ހަމިއްޓޭ ކިޔައިދެއްވި އެވެ.
ފަހުމީގެ ކޮރަޕްޝަންގެ ވާހަކަތައް ހިއްސާކުރުމުން ޖަވާބުގައި އެއީ ރައީސް މުއިއްޒު ވަރަށް "ރުޅިދުރުވާނެ ކަމެއް" ކަމަށް މިނިސްޓަރު އަބްދުﷲ ނާސިރު ވިދާޅުވި ކަމަށް ވެސް އޭނާ ކިޔައިދެއްވިއެވެ.
"އެކަމަކު ކިހިނެއްތޯ އޭގެ ނަތީޖާ، އޭގެ މުގާބިލުގައި އެގެ ހަފުތާއެއް ފަހުން އަޅުގަނޑު ވަޒީފާއިން ވަކިކޮށްލީ. ކިހާ ރަނގަޅުތޯ ފަހުމީ. ފަހުމީ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ! އެއީ ރައްޔިތަކަށް ތިވަރުގެ ބޮޑު އަނިޔާއެއް ދީފައި. އަޅުގަނޑުމެން މި ސަރުކާރު ގެންނަން ކުރި މަސައްކަތުގެ ބައިކުޅަ ބައެއްވެސް ފަހުމީ ނުކުރާނެ." ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެސް ރައީސް އަރިހުގައި އިންނަވަނިކޮށް، ހަމިއްޓޭ ހާމަކުރެއްވިއެވެ.
ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކުރީ މިއަހަރުގެ ސެޕްޓެމްބަރު 7 ގައެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީއެއްގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަން ކޮށްފަ އެވެ.
ސަރުކާރު ނިސްބަތްވަ އެކި ކުންފުނިތަކުގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، މައްސަލަ ތަހުގީގު ކުރަނީ ކަމަށް ބުނެ، ބައެއް ފަހަރު ވަޒީފާ ބަދަލުކޮށްލުން ފިޔަވަ އިތުރު ފިޔަވަޅެއް އަޅާތީއެއް ނުފެނެއެވެ. މިކަމުގެ ޝަކުވާ ކެނޑިނޭޅި އާންމުން ދަނީ ކުރަމުންނެވެ.




