
ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާއިން އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށް އަމިންއަށް އެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރުގެ ފައިސާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ޝަރިއަތުން ކަނޑައަޅާފައިވެއެވެ.
ބައްސާމްގެ މައްޗަށް މި މައްސަލައިގައި މިއަދު ހުކުމް އިއްވިރު، އަމިން ކޮންސްޓްރަކްޝަން އެ މައްސަލައިން ސަލާމަތްވެފައިވީ ނަމަވެސް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާ ސާބިތު ނުވާކަމަށް ހުކުމްކުރުމާ ގުޅިގެން އިސްތިއުނާފުކުރުމަށް ގަސްތުކުރާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ހާމަކޮށްފައެވެ.
ދައުލަތުން އެ މައްސަލައިގައި އުފުލި ދެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ޝަރީއަތުން މިދިޔަ އާދިއްތަ ދުވަހު ކަނޑައަޅައިފަ ވާއިރު، މިއަދު އެ ދައުވާތަކާ ގުޅޭ އަދަބު ކަނޑައަޅަން ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ހުކުމް އައީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމަކާއި، ހިޔާނާތުގެ ކުށަށް 8 އަހަރުގެ ހުކުމެއް އައުމުންނެވެ.
މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު މިއަދު އިއްވި ހުކުމްގައިވާ ގޮތުން އެފްއޭއެމްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ހިންގި އެ ހިޔާނާތުގެ ސަބަބުން އެތަން މާލީ ބޮޑު އަނދަވަޅަކަށް ވެއްޓި، މުވައްޒަފުންނަށް މުސާރަ ނުދެވިގެން އެތައް ލޯނުތަކެއް ނަގައި، އެ ތަން އެއްކޮށް ވަނީ ދަރަނިވެރިވެފައެވެ.
އަދި އެހެން އެކަން ހިނގާފައިވަނީ ބައްސާމް ހިންގި ހިޔާނާތުގެ ސަބަބުން ކަމަށްވާތީ، އެއީ އަދަބު ބޮޑުކުރަން ޖެހޭ ކަމެއް ކަމަށް ނިންމަވާ، ހިޔާނާތުގެ ދައުވާއަށް އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ނަމަވެސް އަދަބު ތިން ދަރަޖަ މަތިކޮށް، އަށް އަހަރުގެ ޖަލު ހުކުމެއް ގާޒީ އިއްވިއެވެ.
އެ މައްސަލައިގައި ދައުވާ އުފުލިއިރު ބައްސާމްގެ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދުނު ނަމަވެސް، ހިޔާނާތްވި ފައިސާ ބޭނުންކޮށްފައިވަނީ އެ އެޕާޓްމެންޓް ގަންނަންކަން ސާބިތު ނުވާތީ، އެ ހުށަހެޅުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މިއަދު ބައްސާމް މައްޗަށް އިއްވި 23 އަހަރުގެ ޖަލު ހުކުމާ އެކު އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް މިހާރު އެބަ އޮތެވެ.




