
ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.
ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ، އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ ގެއްލުން 46.36 މިލިއަން ރުފިޔާއަށް އަރަ އެވެ.
ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވީ ފެނަކައަށެވެ. އެ ކުންފުންޏަށް ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.
އާރުޑީސީއަށް އެހާ ބޮޑު ގެއްލުމެއް ވީ، އެ ކުންފުނީގެ އެ ކުއާޓާގެ އާމްދަނީ 62 ޕަސެންޓް ދަށްވުމުންނެވެ. މިދިޔަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
އައިލެންޑް އޭވިއޭޝަނަށް ދެވަނަ ކުއާޓާގައި ގެއްލުންވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. އަދި ދަރަނި އަދާކުރުމަށް ކުރި ހޭދަ ވެސް އިތުރުވުމުގެ ސަބަބުންނެވެ. ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ދަރަނި 903 މިލިއަން ރުފިޔާއަށް އަރަ އެވެ. ކުންފުންޏަށް ގެއްލުވި ނަމަވެސް ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަން ހިންގީ 72 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ.
ފުރަތަމަ ކުއާޓާގައި ފެނަކައަށް ގެއްލުވި އިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެނަކައަށް ޖުމްލަ 120 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރިން ވަރަށް ބޮޑަށް ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވީ ގެއްލުމެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ 19.66 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެކެވެ.
ގެއްލުންވި އިތުރު ބައެއް ކުންފުނިތައް:
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ އަދަދު 22 އަށް އަރާ އިރު ގާތްގަނޑަކަށް 50 ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގަ އެވެ.
ޕީސީބީގެ ރިޕޯޓުގައި ވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށްޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ނަގާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.




