އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފޮޓޯ: އެމްޑީޕީ
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން - އެމްޑީޕީ
"އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގެއް ހިރިމަރަދޫގެ ރައްޔިތުންގެ ކިބައިން އެ ބާރު ފޭރިގަތުން ކުށްވެރިކުރަން"
މަރްޔަމް މުޙައްމަދު 31 ޑިސެމްބަރ 2025 (ބުދަ)   17:07
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަކުން އިއްޔެ ނިންމި ނިންމުން ކުށްވެރިކުރާ ކަމަށާ، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

މިކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގަކަށް ވީހިނދު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން، އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަތުމަކީ އެޕާޓީން ކުށްވެރިކުރާ ކަމެއް ކަަމަށެވެ.

އެ ބަޔާނުގައި ވަނީ، ހދ. ހިރިމަރަދޫގެ ރައްޔިތުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި އެރަށުގެ ރައްޔިތުންގެ ވޯޓުލުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމުމާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

2026 ވަނަ އަހަރުގެ އޭޕްރިލް 4 ވަނަ ދުވަހުގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މުއިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިސްލާހު ގެންނަވައި، ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ހޯދުމަކާނުލާ، ކުރިއަށް އޮތް އިނތިހާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި 30 ޑިސެމްބަރ 2025 ގައި ކަނޑައެޅުމަކީ އެޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.

މިފަދައިން އަމަލުކޮށްފައިމިވަނީ 7 ނޮވެމްބަރ 2025 ގައި ހދ. ހިރިމަރަދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެރަށުގައި ހިންގުމަށް އިއުލާނުކުރެވިފައި ވަނިކޮށް ކަމަށް ބުނެ އެ ބަޔާނުގައި ވަނީ، މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެމުން ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރަނީ އެރަށުގައި މީހުން އަދި އުޅޭތީ ކަމަށާއި ރަށުގައި މީހުން ތިބޭއިރުގައި ޒަރޫރީ ހިދުމަތްތަށް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބަޔާންކޮށްފައިވާ ކަމަށެވެ.

މިއަދާ ހަމައަށްވެސް، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައި ނުވާއިރު، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ، މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށް ކަމަށާ، އަދި، މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިހާބީ ހައްގާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްގާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަކުރުކަން އަންނާނޭ ކަމެއް ކަމުގައި އެ ޕާޓީން ގަބޫލު ކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މިފަދަ ބަދަލެއް ހެޔޮނިޔަތުގައި ގެންނަނަމަ ގެންނާނީ، ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހުގައެވެ. އަދި، ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމާ ހަމައަށް އެރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ." - އެމްޑީޕީ

ނަމަވެސް ސަރުކާރުން އަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށްވާތީ، މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް ސަރުކާރަށް ގޮވާލާ ކަމުގައި އެމްޑީޕީން މިއަދު ނެރުނު މި ނޫސްބަޔާނުގައި ވެއެވެ.

ކޮމެންޓް