ގަސް ޕޮޓުތަކެއްގައި ފޮރުވައިގެން އެތެރެކުރި ޑްރަގް ހޯދުމުގެ މަސައްކަތް ކަސްޓަމްސްގެ އޮފިޝަލުން ކުރަނީ.-- ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް
ވައިގެމަގުން އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
މަރްޔަމް މުޙައްމަދު 15 ޑިސެމްބަރ 2025 (ހޯމަ)   15:18
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 3 ކިލޯ ގްރާމް (3050 ގްރާމް) ހުރި ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިމަހުގެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި ތަކެތި ރާއްޖެ އެތެރެކުރީ ކޮން ފަރާތަކުން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި، މިއީ ކޮން ގައުމަކުން ރާއްޖެއަށް ގެނައި ތަކެއްޗެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މި ތަކެތި ގެނައި ފަރާތެއް ހޯދައި ކުށް ސާބިތުވެއްޖެނަމަ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ވަރަށް ފަހުން އިސްލާހުކޮށް ވަނީ އަމަލުކުރަން ފަށާފައެވެ. މިހާރު ގާނޫނުގައިވާ ގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

ކޮމެންޓް