
މެޓު އޮފީހުން ބުނީ، އިރުވައި މޫސުމާ އެކު ދުންފުހުގެ އަސަރު ކުރުން ބޮޑުވެފައިވާ ކަމަށާ އެކަމުގެ އަސަރު އެންމެ ބޮޑުވެފައި ވަނީ އިއްޔެގެ ވަގުތުތަކުގައި ކަމަށެވެ.
އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ 2 ކިލޯމީޓަރަށް ވެއްޓިފައި ކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދުންފުހުގެ އަސަރު ކުރާނެތީ ކަނޑުދަތުރުކުރާ މީހުންނާއި އެކި ހަރަކާތްތަކުގައި ބޭރުގައި އުޅޭ މީހުން ވެސް އެކަމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވައިގެ ކޮލިޓީ ނުވަތަ އެއާ ކޮލިޓީ އިންޑެކްސް މިވަގުތު 170 ގައި ހުރިއިރު، އެ އިންޑެކްސް 151-200 އާ ދެމެދު ހުންނަ ނަމަ ނެރެނީ ރަތް ސަމާލު ކަމަށްވާއިރު، ވައިގެ ނުސާފުކަން މިވަގުތު ހުރީ އެންމެންނަށް ވެސް ނުރައްކާވާ މިންވަރުގައި ކަމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އިން ބުނެއެވެ.
ވައިގެ ކޮލިޓީ 151-200 އާ ދެމެދު ހުރުމުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑު ކަމަށާ، އެހެންކަމުން ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއާ ޕިއުރިފައިއާ ބޭނުން ކުރުން އަދި ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.




