ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) - ފޮޓޯ:މަޖިލިސް
ބިންވެރިޔާ ސްކީމްގެ ގޯތިތައް ހަވާލުކުރުން ލަސްވާތީ ކުޑޫގެ ކަންބޮޑުވުން ރައީސަށް
މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮތްނަމަ އެ ބިން ދޫކޮށްލަންނުޖެހޭ ގޮތަށް މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދުފުޅާ ގުޅޭގޮތުން ވެސް ކުޑޫ ސުވާލުއުފެއްދެވި
ޖުނާން އަޙުމަދު 31 ޑިސެމްބަރ 2025 (ބުދަ)   09:22
ފާއިތުުވި އެމްޑީޕީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، މާލެސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން މާލެސަރަހައްދުން ހިއްކަމުންދާ ހުޅުމާލެ ފޭސް-3 ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް، އެގޯތިތަކުގެ ހައްގުވެރިންނާ މި ސަރުކާރުން ހަވާލުކުރުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައީސް މުއިއްޒުއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ މެންބަރު ކުޑޫ ހޯމަދުވަހު ފޮނުއްވި މި ސިޓީގައި ފާހަގަކުރައްވާފައިވަނީ، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅާއި އުތުރުތިލަފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ލަސްވަމުންދާ ދިއުމާމެދު ވަރަށްބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާ، މި ސަރުކާރަށް މިހާރު ދެއަހަރު ފުރިފައިވާއިރު، ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ކަނޑައަޅާ ވައުދުވި ތާރީހުތައް ފަހަނައަޅާ ގޮސްފައިވާކަމަށެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، މަސައްކަތްތައް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު އެ މުއްދަތަށް އެ މަސައްކަތްތައް ނިމޭނެތޯ ކުޑޫގެ ސިޓީގައި ސުވާލު އުފައްދަވާފައި ވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް ހަވާލުކުރުން ލަސްވެ އެކަމުގައި ބޮޑެތި އޮޅުވާލުންތައް މި ސަރުކާރުން އޮޅުވާލަމުންދާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، މި ސަރުކާރުގެ ވައުދުތަކާ ގުޅޭގޮތުން ސީދާ ރައީސާ ސުވާލު ކުރައްވާ ކުޑޫ ފޮނުއްވި މި ސިޓީގައި، މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ އެ ބިން ދޫކޮށްލަން ނުޖެހޭ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު 18 ސެޕްޓެމްބަރު 2023 ގައި ވެވަޑައިގަތް ވައުދުފުޅުގެ ދަށުން، ބަންޑާރަ ގޯއްޗާއި ފްލެޓް ދޫކުރާއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ކުޑަ ބިމެއް އޮތް ނަމަ އެތަން ދޫކޮށްލަންޖެހޭ ގޮތަށް މިހާރު އޮތް ޝަރުތު އުވާލައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން، އެކަމާ މެދު މިހާރު ސަރުކާރުން ނިންމާފައިވާ ގޮތެއް ހިއްސާކޮށްދެއްވުމަށް މެންބަރު ކުޑޫ ވަނީ ރައީސް މުއިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.

މިކަމުގައި ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒުއަށް ކުޑޫގެ ހުށަހަޅުއްވާފައި ވާއިރު، އިދިކޮޅު އެމްޑީޕީން ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ގިނަ ވައުދުފުޅުތަކެއް ނުފުއްދަވާތީ، ހާއްސަކޮށް ބޯހިޔާވަހިކަމުގެ ވައުދުފުޅު ރައީސް މުއިއްޒު ނުފުއްދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް