
ޒުވާނުންގެ އެތެރެވެހީގައި ރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަށްރަށުގައި ހިންގާ ހައުސިން ސްކީމުތަކުން ޒުވާނުންނަށް އިސްކަންދޭގޮތަށް ޝަރުތުކުރާނެ ކަމަށާ، އެހެންކަމުން ޓޫރިޒަމާއި މަސްވެރިކަން އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
އަދި މާލެ ސަރަހައްދުން ހުޅުވާލާ ހައުސިން ފުރުސަތުގައި ވެސް، އާއިލާއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް، ހައުސިން ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާ، އާއިލާއާ ދުރަށް ގޮސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް އުނދަގޫތަކެއް ހުންނަ ކަމަށާ ރަށާ ކައިރީގައި ހުންނަ ރިސޯޓެއްގައި މަސައްކަތްކުރަން ދެވޭނެ ގޮތެއް ވެއްޖެނަމަ ޒުވާނުންނަށް ފުރުސަތުތައް އިތުރުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން ވަރަށް އިސްކަމެއް އެބަދެން ޓޫރިޒަމް ސެކްޓާއަށް ވަންނަ ޒުވާނުންނަށް ވަރަށް ފަހި ފުރުސަތުތަކެއް ހައުސިންގެ ދާއިރާއިން، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހޯދައިދޭން. އެ ރިސޯޓެއްގެ ކައިރިން ނޫނީ ޓޫރިޒަމް އޭރިއާތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ހައުސިން ޕްރޮޖެކްޓުތައް ހިންގަން،" – ރައީސް މުއިއްޒު
ރައީސް ވިދާޅުވީ އެގޮތަށް ހައުސިންގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުން އެ ހައްލުވަނީ އެ ޒުވާނެއްގެ އާއިލާއާ ވީހާވެސް ކައިރިން ހައުސިން ހޯދުމުގެ ފުރުސަތު ކަމަށާ، އެހެންކަމުން މާލެއިން ދޫކުރާ ހައުސިންގެ ފުރުސަތުތަކަށް އެ ޒުވާނުން އަންނަން ނުޖެހޭނެ ކަމަށެވެ.
"މީގެ މަހެއް ކުރިން ހަވާލުކުރި 800 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެކި ރަށްރަށުގައި. އޭގެ ތެރޭގައި ހިމެނޭ ހައުސިން ޔުނިޓުތައް، އޭގެ ވަކި ޕަސަންޓޭޖެއް އަޅުގަނޑުމެން މި ކަނޑައަޅަނީ އެ ރަށްތަކުން ދޫކުރާ އިރުގައި ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް،" – ރައީސް މުއިއްޒު
ހައުސިން އަކީ ޒުވާނުން ކުރިއަށްދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެހެންކަމުން، އެމަނިކުފާނު ގެންގުޅުއްވާ ހައުސިންގެ ސިޔާސަތުތަކުގައި ބައްލަވަނީ ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްނުކޮށް، މުޅި ރާއްޖެއަށް އެ ސްކީމްތައް ބެހިގެން ދާގޮތަށް ކަމަށެވެ.




