ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
އިންތިހާބު ބޯމަތިވެފައި ވަނިކޮށް ގިނަަދަދެއްގެ މުވައްޒަފުން ސަރުކާރަށް ނަގަނީ
ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން މިއަންނަ ފެބްރުއަރީ މަހުގެ ކުރިން ނަގާނަން - އާދަމް ޝަރީފް
ޖުނާން އަޙުމަދު 4 ޖެނުއަރީ 2026 (އާދީއްތަ)   15:46
ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް ޕަބްލިކް ވޯކްސްއަށް ނަގަންފަށައިފިކަން ލޯކަލް ގަވަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކުރިއަށްއޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް އުފައްދައި ވަޒީފާ ބަހަމުން އަންނަ އައުމަކީ އެ އިންތިހާބަށް ނުފޫޒު ފޯރާނެ ކަމެއް ކަމަށް ބުނެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން ވިދާޅުވީ 500 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ކުރުމަށް ނަގާނެ ކަމަށެވެ.

އެގޮތުން، މިއަންނަ ފެބްރުއަރީ މަހުގެ ކުރިން 15 އަތޮޅެއްގައި އެ ވުޒާރާގެ 19 ޔުނިޓެއް ގާއިމުކޮށް އެ ތަންތަނަށް 550 ނުވަތަ 520 މުވައްޒަފުން ނެގުމަށް ހަމަޖެހިފައި ވާއިރު، މި ހާބައިވަރު މުއައްޒަފުން އެ މިނިސްޓްރީން ނަގަނީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން އަންދާޒާއަށް ބަލާއިރު މިދެންނެވި ތަންތަނަށް ގާތްގަނޑަކަށް 550 ވަރު 520 ވަރުގެ އަދަދަކަށް އަލަށް މުވައްޒަފުން ނެގިގެންދާނެ. ޕަބްލިކް ވޯކްސްގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކުގައި." - އާދަމް ޝަރީފް

ރާއްޖޭގެ އެކި ހިސާބުތަކުގައި ޕަބްލިކް ވޯކްސްގެ ޔުނިޓްތައް ގާއިމުކުރުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެ، އާދަމް ޝަރީފް ވިދާޅުވީ ބަނދަރުތައް ފަދަ ތަންތަން ތަރައްގީކޮށް ނިމޭފަހުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ނެރު ތިލަވެ ނުވަތަ ފަލު ތިލަވުން ފަދަ މައްސަލަތައް ކުރިމަތިވާތީވެ، އެކަން ހައްލުކުރަން ރައީސް މުއިއްޒުގެ އިރުޝާދާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި މޯބައިލް ޔުނިޓްތަކެއް ވެސް ގާއިމުކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ކުރިއަށްއޮތް ކައުންސިލް އިންތިހާބާ ދިމާކޮށް އެކިއެކި ކަންކަމާ ގުޅުވައިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުން އަންނަނިކޮށް، ދާދި ފަހުން ސަރުކާރުން ވަނީ ހިރިމަރަދޫ ކައުންސިލް ވެސް އުވާލައި، އެ ރަށުގެ ރައްޔިތުން ކުރިއަށް އޮތް އިންތިހާބުގައި އެ ދާއިރާއަށް ވޯޓުލާނީ ހަނިމާދޫ ރައްޔިތުންގެ ގޮތުގައިކަމަށް ވެސް ހަމަޖައްސާފައި ކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް