
މި ސަރުކާރުން ރޭ ހުޅުމާލޭގައި އާހަރު ފާހަގަކުރުމަށް ބޭއްވި ޑްރޯން ޝޯގައި ރައީސް މުއިއްޒުއާ ވައްތަރުކޮށް ހުންނަ މީހެއްގެ ސިފަ ދައްކާފައިވާާ ވީޑިއޯއެއް މީހަކު މީސްމީޑިއާގައި ހިއްސާކޮށްފައި ވަނިކޮށް އެ ޕޯސްޓު ކުއޯޓްކުރައްވާ ޑރ.އިޔާޒް ވިދާޅުވެފައިވަނީ ދީނަށް ވަރަށް ލޯބި ކުރައްވާ ކަމަށް މީސްތަކުންނަށް ދެއްކިގެން ވެރިކަން ހޯއްދެވި ބޭފުޅަކު އާއަހަރު ފާހަގަކުރުންފަދަ މުންކަރާތްތައް ހިންގެވުމަކީ އެމަނިކުފާނުގެ މުނާފިގުކަން އިތުރަށް ހާމަވާ ކަމެއް ކަމަށެވެ.
އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދީނަށް ލޯބިކުރާ މީހެއްކަމަށް ރައްޔިތުންނަށް ދައްކުވައިގެން އޮޅުވާލައިގެން ކަމަށް ވިދާޅުވެ، އާއަހަރު ފާހަގަކުރުމަށް އެތަށް ފައިސާ އެއް ބޭކާރުކުރެއްވިއިރު 2026 ގައި ބޮޑު ދަރަންޏެއް ދައްކަންޖެހޭކަން ރައީސް މުއިއްޒު ހަނދުމަނެތުނީތޯ؟ ވެސް ޑރ.އިޔާޒް ވަނީ ސުވާލުއުފައްދަވާފައެވެ.
ޑރ. އިޔާޒްގެ އިތުރުން ވެސް އެތައްބަޔަކު ރެއިން ފެށިގެން އަންނަނީ މީސްމީޑިއާގައި މިކަމާ ނުރުހުން ފާޅުކޮށް މީސްމީޑިއާގައި ރައީސް މުއިއްޒުއަށް ނަފުރަތުގެ ބަސްތައް ރައްދުކުރަމުން ކަން ފާހަގަކޮށްލެވެއެވެ. ބައެއް މީހުން ބުނަނީ ރޭގެ ޑްރޯންޝޯގައި ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ކެމްޕެއިން މަންޒަރުތަކެއް ކަމަށާ، މިއީ ރައްޔިތުންގެ ފައިސާގެ ބޭނުން ނަހަމަގޮތުގައި ކުރައްވައިގެން ރައީސް މުއިއްޒު ހިންގެވި ކެމްޕޭނެއް ކަމަށެވެ.




