ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ޙުސެއިން - ފޮޓޯ: ވެލިދޫ ކައުންސިލް
ވެލިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވެއްޖެ
މި ސަރުކާރަށް މުހިންމުވެ އިސްކަންދޭ އެއްކަމެއް ވެސް ނެތް، އާރުޑީސީ އާ ހަވާލުކުރީ ކައުންސިލަށް އެނގުމެއް ވެސް ނެތި – ވެލިދޫ ރައީސް އާޠިފް
މުޙައްމަދު ޤާސިމް 24 ޑިސެމްބަރ 2025 (ބުދަ)   11:29
ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް 60 ދުވަހުން ކޮށްނިންމުމަށް އާރުޑީސީ އާ ސަރުކާރުން ހަވާލުކުރިތާ ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަދުވަސް ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ވެލިދޫ ކައުންސިލް ރައީސް އާޠިފް ޙުސެއިން ފާޅުކުރައްވައިފިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މީސްމީޑިއާގައި އާޠިފް ވިދާޅުވެފައި ވަނީ، ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ ގެ މަރާމާތު މަސައްކަތް 60 ދުވަހުން ކޮށްނިންމުމަށް އާރުޑީސީއާ މި ސަރުކާރުން ހަވާލުކުރީ، 9 ޖުލައި 2025 ގައި ކަމަށެވެ.

އަދި ކަމާގުޅުންހުރި މިނިސްޓްރީން އާރުޑީސީއާ އެ މަސައްކަތް ހަވާލުކުރިތާ މިއަދަށް 167 ދުވަސް ވެއްޖެ ކަމަށާ، މިއަދާ ހަމައަށް އެތަނުގައި މަސައްކަތްކުރާނެ ސާމާނު ނެތްކަމަށް ވެސް އާޠިފް ވިދާޅުވިއެވެ.

"9 ޖުލައި 2025 ގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރ ގެ މަރާމާތު މަސައްކަތް 60 ދުވަހުން ކޮށް ނިންމުމަށް އާރުޑީސީ އާ މިނިސްޓްރީއިން ހަވާލުކުރިތާ މިއަދަށް 167 ދުވަސް، މަސައްކަތްކުރާނެ ސާމާނެއްނެތް. މި ސަރުކާރަށް މުހިއްމުވެ އިސްކަންދޭ އެއްކަމެށް ވެސް ނެތް. އާރުޑީސީ އާ މަސައްކަތް ހަވާލުކުރީ ކައުންސިލަށް އެނގުމެއްނެތި. އެގްރިމެންޓް ވެސް ކައުންސިލާ ހިއްސާނުކުރޭ، ކައުންސިލުން މިނިސްޓްރީއަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބެއް ވެސް ނުދޭ."

- އާޠިފް ޙުސެއިން

މިކަމާގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ކަމާގުޅުންހުރި ސަރުކާރުގެ ފަރާތްތަކަށް ފިޔެސްއިން ގުޅާލުމުން ފޯނަށް ޖަވާބު ނުދއްވާތީ އިތުރު މައުލޫމާތެއް ވަނީ ލިބޭނެގޮތް ނުވެފައެވެ..

އާޠިފްއަކީ ވެލިދޫގެ ތަރައްގީއާ ގުޅުންހުރި ކަންކަމުގައި، ޖެހިލުމެއްނެތި ފާޅުގައި ސަރުކާރަށް ބަސްވިދާޅުވާ ބޭފުޅެއްކަން ފާހަގަކޮށްލެވޭއިރު، ހުސްވި ނޮވެމްބަރު މަހު މި ސަރުކާރަށް 2 އަހަރު ފުރުމުން ވެސް އާޠިފް ވަނީ، ސަރުކާރަށް 2 އަހަރު ވީއިރު، ވެލިދޫގެ ތަރައްގީއަށް ހުރި ހުރަސްތަކާ މެދު ކަންބޮޑުވެލައްވާ އެކަންކަން ހިއްސާކުރައްވާފައެެވެ.

އެގޮތުން ރައީސް މުއިއްޒު ކެމްޕޭނުގައި ވައުދުވި އެތައް ކަމެއް އަދިވެސް ވަނީ އެ ހުރިގޮތަށް ހުއްޓިފައިކަން ފާހަގަކުރައްވާ އާޠިފްކުރެއްވި ޕޯސްޓުގައި، ވެލިދޫ އަށް ކޮށްދޭނެ ކަމަށް މި ސަރުކާރުން ވައުދުވެ ނުކޮށްދެވިވާ، ނުވަތަ މުޅިން ހުއްޓިފައިވާ ގިނަ ކަންތައް ތަކެއް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އާޠިފް އޭރު ފާހަގަކުރައްވާފައިވާ ކަންކަމަކީ:

  • ވެލިދޫ ހޮސްޕިޓަލް މަސައްކަތް ކުރިއަށް ނުގޮސް، މުޅިން ހުއްޓިފައި.
  • ނިމިފަހުރި 4 ކުލާސްރޫމް ބޭނުން ނުކުރެވި، ދަރިވަރުންނަށް އެ ތަނުގެ ފައިދާ ނުލިބެ.
  • ކޮލެޖްގެ މަސައްކަތް އަދިވެސް ނުނިމޭ.
  • ބަނދަރު މަސައްކަތް ހުއްޓިފައި ހުރުމުން ބަނދަރު ބޭނުންކުރުމާއި، ބަދަރާއި ގުޅިގެން ކުރިއަށް ގެންދަންހުރި ކަންކަމަށް ބޮޑެތި ދަތިތަކާ ކުރިމަތިވޭ.
  • މަގުތަކުގައި ތާރު އަޅާ ނުނިމޭ.
  • ރިހިބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް ވަނީ ހުއްޓިފައި.
  • ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަރާމާތު މަސައްކަތްވެސް ހުއްޓިފައިވާކަން ފާހަގަކުރެވޭ.
  • ޕިކްނިކް އައިލެންޑްގެ މަސައްކަތް އަދިވެސް ފެށިފައެއް ނުވޭ.
  • ގާނޫނުތަށް މުގުރާ ހިއްކި ފަސްގަނޑުގައި 100 އަށްވުރެ ގިނަ ދުވަސް ވީއިރު 1 ފަޅީގައިވެސް ޖިއޯބޭގް ޖަހާ ނުނިމުނު.
  • ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ބެހެއްޓުމަށް ހަމަޖެހިފައިވާ ޓްރާންސްފޯމަރާއި ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ނުނިމޭ.
  • ފެނާއި ނަރުދަމާގެ ދިގުދެމިގެންދާ މައްސަލަތަކަށް އަދިވެސް ހައްލެއް ލިބިފައެއް ނުވޭ.

މިކަންކަމުގެ އިތުރުން އަދިވެސް އިތުރު ކަންކަން އެބަހުރިކަމަށް ވިދާޅުވެ އާޠިފްގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ، މި ސަރުކާރަށް 2 އަހަރު ވީ އިރު ބަދަލުވީ ކޮންކަމެއްތޯ؟ އާއި ވެލިދޫ ރައްޔިތުންނަށް ވީ ކޮން ރަނގަޅެއްތޯ؟ ސުވާލު އުފައްދަވަމުންނެވެ.

ކޮމެންޓް