ވެލިދޫ ކައުންސިލްގެ ރައީސް މިއަދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި
ސަރުކާރަށް ކަންކަން ނުވުމުގެ ޒިންމާ ކައުންސިލް ބޮލުގައި އެޅުވޭކަށްނެތް
ވެލިދޫގެ ތަރައްގީގެ މަޝްރޫއުތައް ލަސްވެ ބައެއް މަޝްރޫއުތައް ހުއްޓިފައިވުމުން ކަންބޮޑުވޭ - ވެލިދޫ ރައީސް އާތިފް
މުޙައްމަދު ޤާސިމް 11 ޖެނުއަރީ 2026 (އާދީއްތަ)   11:50
ނ. އަތޮޅުގެ އެންމެ އާބާދީބޮޑު ރަށް ކަމުގައިވާ ވެލިދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފާއިތުވި ސަރުކާރުން ފަށާފައި ވާއިރު، އަދި މި ސަރުކާރުން ވެސް މަދު މަޝްރޫއެއް އެރަށުގައި ފަށާފައި ވާއިރު އެ މަސައްކަތްތައް ލަސްވެ ބައެއް މަޝްރޫއުތައް ހުއްޓިފައިވުމަކީ ނުހަނު ކަންބޮޑުވެލައްވާ ކަމެއް ކަމަށާ، ރަށްރަށުގެ ތަރައްގީއަށް ބައެއް ކައުންސިލްތަކުން ހުރަސްއަޅާކަމަށް މި ސަރުކާރުން ބުނެ، ސަރުކާރަށް ކަންކަން ނުވުމުގެ ޒިންމާ ކައުންސިލް ބޮލުގައި އެޅުވެން ނެތްކަމަށް ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީން މިއަދު ވެލިދޫގައި ކުރިއަށްގެންދިޔަ ލައިވް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ވެލިދޫއަށް މިހާރު އެންމެ މުހިންމުވެފައިވާ ކަމަކީ، ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމާއި، ފެނާއި ނަރުދަމާގެ ކަނެކްޝަންތަކުގެ ތެރެއިން އެ ހިދުމަތަށް މިހާރު ބޭނުންޖެހިފައިވާ ތަންތަނަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އެހެންކަމުން ވެލިދޫގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ މިފަދަ ކަންކަން ކުރިއަށް ގެންދިޔުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ތަރައްގީގެ މަސައްކަތްތަކެއް ވެލިދޫގައި ފެށިފައި ވީނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެމަސައްކަތްތައް އާދަޔާހިލާފަށް ލަސްވެފައިވާ ކަމަށެވެ.

ރަށުގެ ގިނަ މަސައްކަތްތައް ކުރެވެމުންދަނީ އާރުޑީސީ (ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން) އާ ހަވާލުކުރެވިގެން ކަމަށާ ގާތްގަނޑަކަށް ކުދިބޮޑު 12 ވަރަކަށް މަޝްރޫއު އެ ކޯޕަރޭޝަންގެ ހަވާލުގައި ކުރަން ފެށި ނަމަވެސް އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނާ ވަސީލަތްތައް ފުރިހަމައަށް ނުލިބުމުގެ ސަބަބުން ގިނަ ކަންކަން ވަނީ ހުއްޓިފައި ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ވެލިދޫގައި ފަށާފައިވާ ހަމައެކަނި 3 މަޝްރޫއު ކަމުގައިވާ، ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި، ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް އަދި ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ވެސް ކުރިއަށް ނުދިޔުމަކީ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތައް ފޯރާ އެ ރައްޔިތުންގެ ނުހަނު ބޮޑު ޝަކުވާތައް ކައުންސިލްގައި އުފުލަމުންދާ ކަންކަން ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ވޭތުވެދިޔަ ސަރުކާރުގައި ވެލިދޫ ކައުންސިލްގެ ލަފަޔާއެކުގައި ފަށާފައިވާ މަޝްރޫއުތަކުގެ މައްޗަށް ވެސް އާތިފް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވެލިދޫ އަކީ، ބޯޓުބިލްޑިންގ ގެ ރޮނގުން މަޝްހޫރުވެފައިވާ ރަށެއް ކަމަށާ، ސަފާރީ ޔޮޓުތަކާއި ބޯޓުފަހަރު އޮޕަރޭޓުކުރާ ރަށެއް ކަމަށް ވީނަމަވެސް އޮޑިހަރުގެ އެޅުމަށް ބިމެއް ވެލިދޫއިން ދޫނުކުރާތާ ގާތްގަނޑަކަށް 10 އަހަރު އެގާރަ އަހަރު ވެފައި ވަނިކޮށް، އެކަމަށް އިސްކަންދީގެން ފާއިތުވި ސަރުކާރުން ވަނީ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ސަރަހައްދެއް ކަނޑައަޅާ، އެ ސަރަހައްދުގެ ބިން ހިއްކާ، އެ ސަރަހައްދުގައި މިހާރު މަސައްކަތްތައް ވެސް ކުރެވެމުން އަންނަ ކަމަށް އާތިފް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ފަސްބިމެއް ދިގު މުއްދަތަށް އެމަސައްކަތަށް އެވަނީ ހާއްސަކުރެވިފައި. ގުދަންތަކާއި ސްޓޯރޭޖް ކެޕޭސިޓީއަށް ހާއްސަކޮށް ވެސް 10 ބިމެއް ވާނީ ދޫކުރެވިފައި، އަދި ޓޫރިޒަމް ސެކްޓާގެ ވިޔަފާރިތަކަށް ހާއްސަކޮށް ވެސް ބިންތަކެއް ކަނޑައެޅި އެތަންތަން ވެސް ވަނީ ހިއްކާ ހަވާލުކުރެވިފައި." - އާތިފް ހުސެއިން

އަދިމީގެ އިތުރުން ޖޫނިއަރ ކޮލެޖެއް އިމާރާތްކުރުމުގެ މަސައްކަތަކީ ވެސް ފާއިތުވި ސަރުކާރުން ފެށި މަޝްރޫއެއް ކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، މީގެ އިތުރުން ވެސް ވެލިދޫގައި ހުންނަ ނ.އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ ހަތަރު ކްލާސްރޫމްގެ މަސައްކަތާއި، ހޮސްޕިޓަލްގެ މަސައްކަތުގެ އިތުރުން، މަގުހެދުމުގެ މަޝްރޫއުވެސް ފައްޓާފައި ވަނީ ފާއިތުވި ސަރުކާރުން ކަމަށެވެ.

އަދި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތައް ވެސް ގެނެސް، އާންމުންނަށް ހިތްފަސޭހަކަން ހޯދައިދިނުުގެ ގޮތުން މައިޒާން ނުވަތަ ޕާކުފަދަ ތަންތަން ވެސް ހިނގަމުން މިދާ ކައުންސިލް ދައުރުގައި ގާއިމުކޮށްފައި ވާއިރު، ވޭސްޓު މެނޭޖްމެންޓް ސެންޓަރެއް ވެސް ވެލިދޫގައި ގާއިމްކުރެވުނީ ފާއިތުވި ސަރުކާރުން ވެލިދޫ ކައުންސިލްގެ އެދުމާއި މަޝްވަރާގެ ދަށުން ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

އާތިފްގެ ވާހަކައިގައި، މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލާ އަތޮޅު ކައުންސިލްތައް އުވާލުމަކީ ވެސް ވަރަށްބޮޑު ދަތިތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެކަމަކީ ބާރުތައް އެއްތަންކުރުމުގެ މަގުސަދުގައި މި ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާއަށް އިތުރުކޮށްލި ބޮޅެއް ކަމަށެވެ.

އާތިފް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެލިދޫ ކައުންސިލް ރައީސްކަމަށް ދެވަނަ ދައުރަކަށް އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލައްވާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް