
އެ ސަރަހައްދުގައި ހުރި އެއްވެސް ގަހެއް ނުނަގާ، އެތަނުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ދެ ފިޔަވައްސަކަށް ބަހާލައިގެން މި މަސައްކަތް ކުރަނީ އެތަން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރީ ބާޒާރު އޮންނަ ގަސްތައް ހިމެނޭ ސަރަހައްދު ކަމަށާ، އެތަނުގެ ގަސްތައް ވަށައި އިށީދެވޭނެހެން ބުރު ރާނާ އެ ސަރަހައްދުގައި ވަނީ ތަޅުން ވެސް އަޅާފަ އެވެ. އެތަނުގެ ލައިޓްގެ މަސައްކަތް ނިންމާލާނީ ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
އަންބަލަން ކޮންސްޓްރަކް ޝަން ކޮމްޕެނީ އާ ހަވާލުކޮށްގެން ނިންމި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ބައި ހޮނިހިރު ދުވަހު ބޭނުންކުރަން ހުޅުވާލެއްވުމަށް ފަހު، ކުޅުދުއްފުށި ސިޓީ ކައުންސިލަރ ރިލްވާނު މުޙައްމަދު (ރިލޭ) ވިދާޅުވީ، މިހާރު އާންމުކޮށް ބޭނުންކުރަން ހުޅުވާލި ފުރަތަމަ ފިޔަވަހީގެ ބައިގެ އިތުރުން، ދެވަނަ ފިޔަވަހީގައި ދަތުރުހިޔާ އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
ދަތުރުވެރިންނަށާއި ބާޒާރު ބޭނުންކުރާ ދަނޑުވެރިންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ތަރައްގީކުރާ މި ތަން ނިމޭއިރު ބޮޑު ދަތުރު ހިޔަލަކާއި ފާހާނާ، ފީޑިންގ ރޫމާއި ޕާރކިން އޭރިއާއެއް ހިމެނޭނެ ކަމަށް ވެސް ރިލޭ ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ގިނަބަޔަކު އެއްވެ އުޅޭ މިސަރަހައްދަކީ ބާޒާރެއްގެ އިތުރުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިތްހަމަޖައްސާލަން ބޭނުންކުރާ ފެހި ސަރަހައްދެއް ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.




