ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް މިމަހު 12 ގައި ފަށަނީ
ވެލިދޫއަށް ފަހު ސީޕްލޭންގެ މިސްރާބު ތޮއްޑޫއަށް
މުޙައްމަދު ޤާސިމް 10 ޖެނުއަރީ 2026 (ހޮނިހިރު)   10:00
އއ. ތޮއްޑުއަށް ސީ ޕްލޭންގެ ދަތުރުތައް ފަށަން ނިންމާފައިވާކަން މޯލްޑިވިއަން ސީޕްލޭން އިން ހާމަކޮށްފިއެވެ.

މީސްމީޑިއާގައި މިކަން ހިއްސާކޮށް މޯލްޑިވިއަން ސީޕްލޭން އިން ބުނެފައިވަނީ މި ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.

ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް ކުރިއަށްދާނެކަން ހާމަކޮށްފައިވާއިރު ދިވެހިންނަށް ޕްރޮމޯޝަނަލް ފެއަރގެގޮތުގައި ކޮޅަކަށް 799 އަށް ދަތުރުކުރެވޭނެކަންވެސް ހާމަކޮށްފައިވެއެވެ.

ހުސްވި އަހަރުގެ ޑިސެމްބަރުމަހު ތެރޭގައި މޯލްޑިވިއަން އިން ވަނީ ސީ ޕްލޭންގެ ދަތުރުތައް ނ.ވެލިދޫ އަށް ފެށުމަށް ނިންމިކަން ހާމަކޮށްފައެވެ.

ދަތުރުތައް ވެލިދޫ އަށް ފަށަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށާ، ބުދަ ދުވަހާއި ހުކުރުދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާ، ދަތުރުތައް ފުރަތަމަ ފަށާ އަގަކީ ދިވެހި ރައްޔިތަކަށް ނަމަ ކޮޅަކަށް 999ރ. އަށް ކަމަށާ، ފޯނުންގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ 1671 ނަމްބަރަށް ގުޅުއްވުމަށް ވެސް މޯލްޑިވިއަން ސީޕްލޭން އިން އެދިލައްވައެވެ.

ކޮމެންޓް