ވ.ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީ ބޯޓުގައި ރޯވެފައި.--
ސަފާރީ ބޯޓެއްގައި ރޯވެ އަނދަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކުރި، މީހަކަށް އަނިޔާއެއް ނުވޭ
ޖުނާން އަޙުމަދު 24 ޑިސެމްބަރ 2025 (ބުދަ)   19:03
ސަފާރީ ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް (މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް) ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި ކަމަށް އެމްއެންޑީއެފް އިން ދާދި ދެންމެއަކު ބުނެފިއެވެ.

މީސްމީޑިއާގައި އެމްއެން ޑީއެފް އިން ބުނެފައި ވަނީ، ރޯވެގެން އެއުޅޭ ސަފާރީއަކީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް ސަފާރީއެއް ކަމަށާ، އެ ބޯޓުގެ ނަމަކީ "ޔަސާވާ ޕްރިންސަސް" ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވ.އަތޮޅު ކުޑަ އަންބަރާ ދިމާލުން ތިން މޭލު ބޭރުގައި އޮތް ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ ހަވީރު 5:54 ހާއިރު ލިބުމާ އެކު، ފުލުހުން އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދު އަށް ވަނީ ގެންގޮސްފަ އެވެ.

"ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެއެވެ.

ސަފާރީގައި ރޯވިއިރު އެ އުޅަނދުގައި ތިބި ޓޫރިސްޓުންގެ ތެރޭގައި ހިމެނެނީ ފުލުހުން ބުނި ގޮތުގައި 5 ފިރިހެނުންނާއި 12 އަންހެނުންނެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ 5 ފިރިހެނެއް އަދި ޖަރުމަނުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން އާންމުކުރި ފޮޓޯ އިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފައިފަ އެވެ.

ފިޔެސްއަށް މައުލޫމާތު ލިބުނު ގޮތުގައި އެ ސަފާރީއަކީ ދަގަނޑު ބޯޓެކެވެ. އަދި އެ ބޯޓުގައި ރޯވެފައި އެވާ ހިސާބަކީ، ރޯވުމުގެ ކުރިން ވެލްޑިންކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ހިސާބެކެވެ. އެހެންނަމަވެސް ސަފާރީގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް