އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް - ފޮޓޯ: އެމްއެންޑީއެފް
ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެ
މަރްޔަމް މުޙައްމަދު 7 ޖެނުއަރީ 2026 (ބުދަ)   22:48
ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ކ. ގަމަރުގިރިއާ ކައިރި ހިސާބެއްގައި އޮއްވާ މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އަލިފާން ރޯވީ ސަޕްލައި ދޯންޏެއްގައި ކަމަށާ، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އަލިފާން ރޯވެފައިވި އެ ދޯންޏަކީ ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާ، މި ހާދިސާ ހިނގިއިރު އެ ދޯނީގައި ޖުމްލަ ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ، މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް ވީނަމަވެސް، އެއީ ކުނި ބަރުކޮށްފައިވާ ދޯންޏަކަށް ވުމުން، އަލިފާންގަނޑު މުޅިން ނިއްވާލުމަށް އިތުރު ވަގުތު ނަގާނެ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށާ، ފަޔަރ ފައިޓަރުން ދަނީ ދޯނީގައި ރޯވި އަލިފާން މުޅިން ނިއްވާލުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް