
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެ ރޯވި އަލިފާން މިހާރު ނިއްވާލައިފައިވާ ކަން ހާމަކޮށް ބުނެފައި ވަނީ، މި ހާދިސާގެ ރިޕޯޓް މިއަދު 08:34 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ސޯލަރ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ މި ސޯލާ ޕެނަލްތައް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެ ވަޑައިގެންފައި ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ނަމަވެސް މި ވެރިކަމަށް މިހާރު 2 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، އެ ތަކެތި އަދިވެސް ހުރީ އެތަކެތި ހަރުކުރިތަން ކަމަށްވާ މިދިލިމަގު ނުވަތަ ސިނަމާލޭ ބުރިޖު ހައިވޭގައެވެ.
ކުނި ބަރުކޮށްގެން ކ.ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ވެސް ކ. ގަމަރުގިރިއާ ކައިރި ހިސާބެއްގައި އޮއްވާ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އަލިފާން ރޯވީ ސަޕްލައި ދޯންޏެއްގައި ކަމަށާ، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށާ އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށެވެ.




