ރައީސް މުޙައްމަދު ނަޝީދު.--
ބޮޑު ދެ އިންތިހާބު އެކީގައި ބާއްވަން ނަޝީދު ތާއީދު ކުރައްވައިފި
ޖުނާން އަޙުމަދު 4 ޖެނުއަރީ 2026 (އާދީއްތަ)   15:08
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.

މާދަމާއަށް ތާވަލު ކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ އެއް ބިލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައި ހުށަހެޅުމުގައި ވަނީ ދެން އޮންނަ ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް ބޭއްވުމަށެވެ.

މި ކަމާ ގުޅިގެން ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

މާދަމާ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ފެށުމަށް އެޖެންޑާކޮށްފައި އޮތް އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގެ 79 ވަނަ މާއްދާ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ.

79 ވަނަ މާއްދާ އަށް އިތުރު ކޮށްފައިވާ އަކުރުގައި ބުނެފައިވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 2028 ޑިސެމްބަރު 1 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. ގާނޫނު އަސާސީ ގެ 79 ވަނަ މާއްދާ އަށް ގެނެވޭ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވަން ޖެހޭ އިންތިޚާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމާ ގުޅޭ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން 1 ޑިސެމްބަރު 2028 ވަނަ ދުވަހުގެ ކުރިން ކޮށް ނިންމައި، އެ ތާރީޚުގައި އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމަށެވެ.

ކުރިން އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. އެހެން ނަމަވެސް ހުށަހެޅިފައިވާ ބަދަލާ އެކު އުމުރު ބަލާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން 6 މަސް މަދުވާނެ އެވެ.

ކޮމެންޓް