ކުރީގެ ރައީސް މުޙައްމަދު ނަޝީދު.--
ހަނިމާދޫ އެއާޕޯޓު ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައިފިނަމަ ފައިދާ ބޮޑުވާނެ: ނަޝީދު
މަރްޔަމް މުޙައްމަދު 3 ޖެނުއަރީ 2026 (ހޮނިހިރު)   07:00
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު، ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައިފިނަމަ ފައިދާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި، އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

"މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހިވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މި ޕޯސްޓް ކުރެއްްވީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ތަރައްގީ ކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓް ކުރުމުން އުފެދިފައިވާ ބަހުސްގެ ތެރެއިންނެވެ.

އެ ނޫހުގައި އޮތް ޚަބަރާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވާފައި ވެއެވެ.

"ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އާ އެއާޕޯޓް ހިންގަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަނީ ހުށަހަޅުއްވައިފައެވެ. އެހެންވެ, އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ އޭއޭއައި އިން އެ ގައުމުގެ 26 ސްޓޭޓެއްގައި ހިންގާ އެއާޕޯޓުތައް މެނޭޖްކުރަމުންދާއިރު އޭގެ ތެރެއިން ބައެއް އެއާޕޯޓްތައް ހިންގަނީ ޖީއެމްއާރާއި އަދާނީ ފަދަ ކުންފުނިތަކުންނެވެ. ޖީއެމްއާރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ކުންފުންޏެވެ.

ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ 2010 ޖޫން 28 ގަ އެވެ. އެކަމާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާކޮށް "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ޝިއާރާއެކު ދެކޮޅުވެރި ހަރަކާތްތައް ހިންގިއެވެ. 

ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ތެރެއިން ފުލުހުންނާއި ސިފައިން ގުޅިގެން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލައި، ނައިބު ރައީސް ކަމުގައި ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން 2012 ނޮވެމްބަރު 26 ގައި ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކޮށް، ރާއްޖޭގެ މައި އެއާޕޯޓު ސަރުކާރަށް ނެގިއެވެ. 

ޖީއެމްއާރު އަތުން އެއާޕޯޓް، ދިވެހި ސަރުކާރަށް އަނބުރާ ހޯދުމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހުނެވެ.

"ދަ ހިންދޫ" އިން ޚަބަރު ގެނެސްދީފައިވަނީ ޖީއެމްއާރު ބޭރުކުރިތާ 10 އަހަރު ފަހުން އަނެއްކާވެސް ރާއްޖޭން އެއާޕޯޓެއް ހިންގަން އިންޑިއާގެ އެހީއަށް އެދުނީ ކަމަށް ބުނެއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައެވެ. އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލަކާއި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއަކާ އެކު ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާއިރު އެ އެއާޕޯޓުގައި އެއްފަހަރާ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ޖާގަ ވެސް ހިމެނެއެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީއެއް ވެސް ވަނީ ހަދައިފަ އެވެ.

ކޮމެންޓް