ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތުގެ މަޖިލީހުގައި
ޝަމްއާން ފުރުން މަނާކޮށް، ބަންދުން ދޫކޮށްލަން އަމުރުކޮށްފި
މަރްޔަމް މުޙައްމަދު 25 ޑިސެމްބަރ 2025 (ބުރާސްފަތި)   16:24
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު، ފުރުން މަނާކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމަރުކޮށްފިއެވެ.

ޝަމްއާން ބަންދުން ދޫކޮށްލުމަށް އެދުނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުންނެވެ. އެ އޮފީހުން ކޯޓުގައި އެގޮތަށް އެދުނު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، މައްސަލައިގައި ހިމެނޭ މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތުމުންނެވެ.

ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް (9 މަސްދުވަސް) ހޭދަކޮށްފަ އެވެ. އޭނާ ދޫކޮށްލަން އަމުރުކޮށްފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކާ ވެސް އެކީގައެވެ. ކޯޓުން ކުރި އިތުރު ޝަރުތުތަކުގެ ތެރޭގައި، ކޯޓަށް ހާޒިރުވުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ.

ޝަމްއާން، އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ.

އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އެޕްރީލް 6، ގައެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ. 

ކޮމެންޓް