ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު.--
ވާނުވާ ބަންދަށްފަހު ޝަމްއާން ގޮވާލީ ވާނުވާ އުވާލަން
ޖުނާން އަޙުމަދު 29 ޑިސެމްބަރ 2025 (ހޯމަ)   12:48
ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ބަންދުގައި، ޖަލުގެ ހައްޔަރުގައި ހުންނެވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު "ވާނުވާ ބަންދު" އުވާލަން ގޮވާލައިފި އެވެ.

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ގެ މަގާމުން ވަކިކޮށް، ޝަމްއާން ހައްޔަރުކުރީ 2025 މާޗް 22 ގައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އަދި އޭގެ ފަހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އެޕްރީލް 6 ގައި ކޯޓުން އުމުރުކުރިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމުން އެ ބަންދަށް އާންމުކޮށް ކިޔަނީ "ވާނުވާ ބަންދު" އެވެ. އެއީ ޝަރީއަތް ކިތަންމެ ދިގުލައިގެން ދިޔަނަމަވެސް، ކުށުގެ ތުހުމަތުގައި ހުންނަ މީހާ ހައްޔަރުގައި ހުންނަންޖެހޭތީއެވެ. އޭނާގެ އެތައް ހައްގުތަކެއް ހިފެހެއްޓިފައި ހުންނާތީ އެވެ. އޭނާ ދުވަސްތައް އެހޭދަކުރަނީ ވާއެއް ނުވާއެއް ނޭނގި އެވެ.

ޝަމްއާން ބަންދުކުރަން ނިންމުމުން، އެ ނިންމުން ހައިކޯޓަށްފަހު، ސުޕްރީމް ކޯޓުގައިވެސް އޭނާގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް އެންމެފަހުން ޖޫން 18 ގައި ސުޕްރީމް ކޯޓުންވެސް ނިންމީ ޝަމްއާން ވާނުވާ ބަންދުގައި ބަހައްޓާށެވެ.

ޝަމްއާންގެ ވާނުވާ ބަންދު ނިމުމަކަށް އައީ ޖަލުގެ ހައްޔަރުގައި 278  ދުވަސް ހޭދަކުރި ފަހުން މިމަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދު ނިމުމަކަށް ގެނައީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެދުމުގެ މަތިންނެވެ.

ބަންދުން ދޫކޮށްލުމާއެކު ޝަމްއާންގެ ފަރާތުން ފުރަތަމަވެސް ފެނުނީ ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް ގޮވާލި ގޮވާލުމެވެ. އިއްޔެ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓްގައި، މާތްﷲ ޙަމްދާއި ޝުކުރު ކުރައްވުމަށްފަހު، އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތަކުގައި އޭނާއަށް އެހީތެރިވެދީ ހެޔޮއެދުނު އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ. 

އެއާއެކު ޝަމްއާން ވިދާޅުވެފައިވަނީ އެއްވެސް  އާއިލާއަކުން ވާނުވާ ބަންދުގެ ވޭން ތަހައްމަލު ކުރަން ޖެހިގެން ނުވާނެ ކަމަށާ، ވާނުވާ ބަންދު ނިމުމަކަށް އަންނަންޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ.މުޙައްމަދު މުއިއްޒަކީ "ވާނުވާ ބަންދު" ނިމުމަކަށް ގެންނަވާނެ ކަމުގެ ވައުދު ތަކުރާރުކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވައުދު އޮތީ ވާނުވާގައެވެ. ވާނުވާ ބަންދުގައި އަދިވެސް ގިނަބަޔަކު ތިބިއިރު އެމީހުންގެ ޝަރީއަތްތައްވެސް އެކަށީގެންވާ މިންވަރަށް ކުރިއަކަށް ނުދެއެވެ.

އެފަދަ މީހުންގެ އާއިލާއިން ދަނީ އެކަން ސަރުކާރުގެ ސަމަލުކަމަށް ގެންނަމުންނެވެ. ރައީސް މުއިއްޒަށް، އެމަނިކުފާނުގެ ވައުދު ހަނދަންކޮށްދެމުންނެވެ. އެންޑްވާނުވާ ހޭޝްޓެގް އެކި ދިމަދިމާއިން އެފެންނަނީ އެހެންވެއެވެ.

ކޮމެންޓް