ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ).- ފޮޓޯ: މަޖިލިސް
މިސްކިތަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން ހުށަހަޅައިފި
މަރްޔަމް މުޙައްމަދު 25 ނޮވެމްބަރ 2025 (އަންގާރަ)   09:47
މިސްކިތަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މެންބަރު ކުޑޫ، އެ އިސްލާހު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި ބަޔާންކުރައްވާފައިވަނީ، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވެފައި މިސްކިތްތަކަށް ގެއްލުން ދިނުން އާންމުވެ ތަކުރާރުވަމުން ދާތީއެވެ.

އަދި އެފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ކަމަށްވާތީ އާއި މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިން ވާކަމަކަށް ވެފައި، އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށްވެސް ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި މާނަކޮށްފައިވަނީ 7 ކަމެކެވެ.

އެކަންކަމަކީ؛

  1. މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛
  2. ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
  3. ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
  4. މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
  5. ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
  6. ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ޞިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން؛
  7. މުހިންމު ޢުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުން، މިއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމާއި މިސްކިތްތަކުން ވައްކަންކުރުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. އެފަދަ ބައެއް ފަރާތްތައް ވަގުތީގޮތުން ހައްޔަރުކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އަޅާތީއެއް ނުފެނެއެވެ.

ކޮމެންޓް