ޙަސަން މަމްދޫޙް (މަންޑޭ)
މަންޑޭއަށް 397 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ޖުނާން އަޙުމަދު 31 ޑިސެމްބަރ 2025 (ބުދަ)   11:40
ކޭ ޕާކު ފްލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި, ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެ، 397 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާ 50 އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރިއިރު އޭގެ ތެރެއިން 94 ދައުވާއެއް މަންޑޭގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

މަންޑޭގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

އެހެންވެ، މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމެކެވެ. މިހާތަނަށް ރާއްޖޭގެ އެންމެ ދިގު ޖަލު ހުކުމްގެ ރެކޯޑް އޮތީ ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން އޮޅުވާލައިގެން މުދާ ހޯދި ހުސައިން ޝިފާއުގެ މައްޗަށް އިއްވި 109 އަހަރުގެ ޖަލު ހުކުމުގަ އެވެ.

އެ ހުރިހާ ދައުވާތަކެއްގެ ހުކުމް ތަފްސީލާއެކު އިއްވާނަމަ މަދުވެގެން ހައެއްކަ ގަޑިއިރު ނަގާނެތީ، ދައުލަތާއި ދައުވާލިބޭ މީހުން ވެސް ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ހަމައެކަނި އިއްވީ ކޮންމެ ދައުވާއެއްގައި އަދަބު ކަނޑައެޅި މިންވަރެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އެ ހުރިހާ ދައުވާތަކުގެ އަދަބުގެ މިންވަރު ވަކިވަކިން އިއްވަން ވެސް ދޮޅު ގަޑިއެއްހާއިރު ހޭދަވި އެވެ.

ކޮމެންޓް