
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ، ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ 1 ދައުވާ އެވެ.
މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ އެވެ.
އެ މައްސަލާގައި ދެން ދައުވާލިބުނު ރ.އަލިފުށީ، ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ 1 ދައުވާ އެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ގާޒީ ނަދީމް ވިދާޅުވީ އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާއި އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރީ ޖައިޝާން ކަމަށްވާތީ އެއީ އެނގި ތިބެ، ގަސްދުގައި ކުރި ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުން ކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެޕާޓްމެންޓްތައް ނިންމައި، ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލު ކޮށްފައި ނުވާތީ ޓެކުމުގެ ދައުވާތައް މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުށްކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާއިން ހުޅުމާލެއިން ފްލެޓްތަކެއް ވެސް މަންޑޭ ގަނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާތީ އާއި އެ ފައިސާ ބޭނުން ކޮށްގެންގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް އަމުރު ކުރެއްވި އެވެ.
ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ގާޒީ ނިންމެވި އެވެ. އަދި ގޮތް ނުނިންމާ އޮތް ދައުވާތަކާ މެދު ވެސް އެ ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދަބު ކަނޑައެޅެންދެން، މަންޑޭ އާއި ޖައިޝާން ވަނީ ބަންދުކޮށްފަ އެވެ.
މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.
މަންޑޭގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިމަހުގެ 25 ވީ ބުރާސްފަތި ދުވަހަށް ޝެޑިއުލް ކުރިނަމަވެސް، އޭނާ އެދުވަހު ހާޒިރު ނުވުމުން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް މަންޑޭ ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.




