ހަރަމްފުޅުގެ ސެކިއުރިޓީ ގާޑެއްކަމަށްވާ ރަޔާން އަސީރީ ހޮސްޕިޓަލްގައި، އަދި ފުންމާލި މީހާ އޭނާ ހިފާމަންޒަރު
ގެފުޅުދޮށުގައި ކުފުރުގެ އަމަލެއް ހިންގިމީހަކު މަތަކުރި ސެކިއުރިޓީގާޑު ހީރޯއަކަށް
ރޭ މި އަމަލު ހިންގި މީހާ ހަރަމްފުޅުގެ އުސް ފަންގިފިލާމަތިން ފުންމާލުމުން ގާޑުމީހާ ވަނީ އޭނާ ތަޅުންގަނޑުގައި ޖެހުމުގެ ކުރިން ހިފާ މަތަކޮށްފައި
މުޙައްމަދު ޤާސިމް 27 ޑިސެމްބަރ 2025 (ހޮނިހިރު)   12:21
މުސްލިމުންގެ މުގައްދަސް ގެފުޅުކަމުގައިވާ ކައުބަތުއްﷲ ގެފުޅު ހިމެނޭ މައްކާގެ ހަރަމްފުޅުދޮށުގައި ކުފުރުގެ އަމަލެއް ހިންގިމީހަކު ހިފަހައްޓާ މަރުން ސަލާމަތްކުރި، ހަރަމްފުޅުގެ ސެކިއުރިޓީ ގާޑެއްކަމަށްވާ "ރަޔާން އަސީރީ" އަކީ ހީރޯއެއްކަމަށް ބުނެ މީސްމީޑިއާގައި ގިނަބައެއްގެ ތައުރީފު އޭނާއަށް އޮހެންފަށައިފިއެވެ.

ރޭ މި އަމަލު ހިންގަނިކޮށް ނަގާފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށިއެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ހަރަމްފުޅުގެ އުސް ފަންގިފިލާމަތިން އެމީހާ ފުންމާލުމުން ރަޔާން އަސީރީ ވަނީ އޭނާ ތަޅުންގަނޑުގައި ޖެހުމުގެ ކުރިން ހިފާފައެވެ. އެހެންކަމުން އޭނާގެ ފުރާނަ ސަލާމަތްވީ ރަޔާން އަސީރީގެ ސަބަބުންކަމަށާ، މިފަދަ ކުޅަދާނަ ހިތްވަރުގަދަ، ސެކިއުރިޓީ އޮފިސަރުންނަކީ މަދުބައެއް ކަމަށްބުނެ މިކަމުގައި ރަޔާން އަސީރީއަށް ޝުކުރާއި ތައުރީފު ހައްގުކަމަށް ގިނަބަޔަކު މީސްމީޑިއާގައި ބުނެފައި ވެއެވެ.

އެމީހާ މަތީގައި އޮއްވާ ހިފުމުން ރަޔާން އަސީރީގެ އަތުގެ ކުޑަހުޅު ފަޅައިގެންގޮސްފައި ވާއިރު، މައްކާ ސަރަހައްދުގެ އެމިރޭޓުން އެކްސްގައި ހިއްސާކުރި ބަޔާނެއްގައި ބުނީ، އެމީހާ މަތީ ބުރިއަކުން ފުންމާލަން އުޅުމުން ހަރަމްފުޅުގެ ސަލާމަތާ ބެހޭ ސްޕެޝަލް ފޯސް އިން ރިއެކްޓް ކުރީ ވަގުތުން ވަގުތަށް ކަމަށާ، އަދި މި ހާދިސާގައި އަނިޔާވި ސެކިއުރިޓީ އޮފިސަރަށް ފަރުވާދީ، އެކަމުގައި ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރުއަޅާ ނިންމާފައިވާ ކަމަށެވެ.

އަދި ހާލަތު ކޮންޓްރޯލްކޮށް އަޅުކަންކުރާ މީހުންގެ ރައްކާތެރިކަމަށް ސްޕެޝަލް ފޯސްއިން ހަލުވިކަމާއެކު އަމަލުކުރި ގޮތާމެދު ފަހުރުވެރިވާ ކަމަށް، ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ވެސް ބުނެފައިވާއިރު، ސައުދީ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން، ވެސް ވަނީ އެ ވީޑިއޯ ހިއްސާކޮށް، ސެކިއުރިޓީ ޓީމުތަކުން އެ ހާދިސާ މެނޭޖް ކުރުމަށް އަވަސް ހަރަކާތްތަކެއް ކުރި ކަމަށް ބުނެ އެކަން ވަރަށްބޮޑަށް ފާހަގަކޮށްފައެވެ.

މިފަދަ ކުފުރުގެ އަމަލުތައް މަދުބަޔަކު މީގެކުރިން ވެސް ހަރަމްފުޅުދޮށުގައި ހިންގާފައިވާއިރު، މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ އަމަލުތައްކަމަށް ދީނީ އިލްމުވެރިން އިއްތިފާޤުވެލައްވައެވެ. ނަމަވެސް މިފަދަ އަމަލުތައް ހިންގާ މީހުން މިކަންކަން ކުރަނީ އެމީހުންގެ މެދުގައި އަށަގެންފައިވާ ބާޠިލު އަގީދާތަކެއްގެ ސަބަބުންނެވެ.

މިފަދަ އަމަލުތަކާ ގުޅޭގޮތުން ތަގުރީރުކުރައްވަމުން، ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހްމާން އަސް ސުދާއިސް ވިދާޅުވެފައި ވަނީ، މާތްވެގެންވާ ހަރަމްފުޅުގެ މުޤައްދަސްކަމަށް އިހުތިރާމްކޮށް، އެ މިސްކިތުގެ ގަވާއިދުތަކަށް ތަބާވެ އަޅުކަން ކުރުމަށް ފޯކަސް ބެހެއްޓުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށާ، ދެދުނިޔޭގެ ވެސް އަމިއްލަ ދިރިއުޅުން އަމިއްލައަށް ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްކަމަށެވެ.

އަދި ޤުރުއާނުގެ އާޔަތްތަކުން ދަލީލުދައްކަވަމުން އިމާމް ވިދާޅުވެފައިވަނީ، އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ނަފްސު ގެންދިޔުމަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމަށެވެ.

ކޮމެންޓް
އާމީން
3 months ago
ވަރަށް ފުރިހަމަ ލިޔުމެއް. ހެޔޮ ރަހުމަތް ލައްވާށި.