ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓްތައް - ފޮޓޯ: ފޭސްބުކްޕޭޖް ކޭޕާކް
ކޭ-ޕާކް އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި
ޖުނާން އަޙުމަދު 13 ޖުލައި 2025 (އާދީއްތަ)   10:33
ކ-ޭޕާކް ރެސިޑެންސް މަސްރޫއާ ގުޅިގެން ދިގުލައިގެން ގޮސް، ހައްލުނުވެ އޮތް ބޯހިޔާވެހިކަމުގެ މައްސަލައިގައި ގިނަ އަދަދެއްގެ މައުސޫމް ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަވަސް ހައްލެއް ހޯދައިދިނުމަށް އެދި އެތަނުން އެޕާޓްމެންޓް ބައްލަވައިގެންފައިވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ކޭ-ޕާކުން އެޕާޓްމެންޓް ގަނެ ފައިސާ ދައްކާފައިވާ ފަންސާސް މީހަކު ސޮއިކޮށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ މި ޕެޓިޝަން ހުށަހަޅުއްވައި ދެއްވާފައި ވަނީ  ރައްޔިތުންގެ މަޖިލހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރައްޔތުންގެ މަޖިލީހުގެ ރައިސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކޮށް ހުށަހަޅާފައިވާ އެ ޕެޓިޝަންގައި ވަނީ، ގިނަ އަދަދެއްގެ މައުސޫމު ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާ މި ހައުސިން މައްސަލައާ ގުޅޭގޮތުން ފެށުނީއްސުރެ، (އެޗްޑީސީ) ހައުސިންގ ޑިވެލޮޕްމަންޓް ކޯޕރޭޝަނަށް އެކިފަހަރުމަތިން ކަންބޮޑުވުން ހުށަހެޅި ނަމަވެސް އެ އިދާރާއިން ވަނީ މި މައްސަލައިގައި ޒިންމާނަގަން އިންކާރުކޮށް، އަދި މައްސަލަ ހައްލުކުރުމަށް އެކަށިގެންވާ ފިޔަވަޅު އެޅުމަށް ވެސް ފަސްޖެހިފައި ކަމަށެވެ.

އެ އިދާރާއިން އެތެރޭގެ ރިވިއުތައް ހަދާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދިފައިވީ ނަމަވެސް، ދެ އަހަރަށްވުރެ ގިނަ ދުވަސް ވީ އިރުވެސް އެކަމުގައި އެއްވެސް ކުރިއެރުމެއް ލބިފައި ނުވާކަމަށްބުނެ އެ ޕެޓިޝަނުގައި ބުނެފައިވަނީ، އެކަމުގެ ސަބަބުން މައްސަލަ ދިގުލައިގެން ގޮސް، ސީދާ ގޮތުންނާއި ނުސީދާގޮތުން ވެސް އެތަށް ހާސް އާއިލާއަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

އަދި އެ އާއިލާތަކަށް މިހާރު ވަނީ ސީރިއަސް މާލީ އަދި ޤާނޫނީ، ނަފްސާނީ ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާކަމަށް ބަޔާންކޮށް އެ ޕެޓިޝަންގައި ވަނީ އެޗްޑީސީ ފަދަ ދައުލަތުގެ ބާރު ލިބިފައިވާ، ވަސީލަތްތައް ތަނަވަސް މުއައްސަސާއަކުން މި މައްސަލައިގައި އަސަރުކޮށްފައިވާ ފަރާތްތަކަށް އަސާސީ އިންސާފު ނުވަތަ އެއްވެސް ލުޔެއް ހޯދައިނުދީ އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އިސްވެ ދެންނެވުނު ކަންކަން އެހެން ހުރި އިރުގައި، އެޗްޑީސީގެ ސިދާ ޒިންމާ މާ ކުޑަ މަޝްރޫއުތަކެއް ކަމުގައިވާ ޑާކް އިންވެސްޓްމަންޓްގެ "ދަ ގާޑަންސް" ފަދަ ރޫއުތަކަށް އެޗްޑީސީއިން ހަރުދަނާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަތަން ފެންނައިރު، ކޭ-ޕާކް މައްސަލައަކީ ސީދާ އެޗްޑީސީގެ އަމިއްލަ ގޯސްތަކަކުން ދިމާވެފައިވާ މައްސަލައެއް ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެއެވެ.

އަދި މީގެ ތެރޭގައި ހިމެނެނީ ބިން ދޫކުރުމުގައި ހުރި މައްސަލަތަކާއި، ރެގިއުލޭޓަރީ ބެލުންތެރިކަން ނެތުމާއި، އަދި ޒންމާދާރުކަމެއް ނެތި ތަކުރާރުކޮށް ސުންގަޑި ފަސްކުރަމުން ދިޔުން ކަމަށް ބުނެ، އެ ޕެޓިޝަންގައި ވަނީ މި ހާލަތކި ހަމައެކަނި އިދާރީ ފެއިލްވުމެއް ނޫން ކަމަށާ އަދި އެއީ ޤާނޫނުއަސާސީގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކާ ވެސް ހިލާފުވުމެއްކަމަށެވެ.

އެހެންކަމުން މި ގެއްލުންތަށް އިތުރަށް ދިގުލައިގެން ދިޔުމުގެ ކުރިން މަޖިލީހުގެ އިދާރާއިން އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެ ޕެޓިޝަން ނިންމާލަމުން އެދިފައި ވެއެވެ.   

ކޭ-ޕާކް ރެސިޑެންސް ކިޔާ ހައުސިންގ ޔުނިޓްތަކެއް ހުޅުމާލޭގައި ތަރައްގީކުރަން ފަށާ، އެތައް ބަޔަކަށް އޮޅުވާލައިގެން، އެތަންތަން ވިއްކުމުގައި މަކަރާ ހީލަތް ހެދި މައްސަލައިގައި ދައުވާތަކެއް އުފުލާފައިވާ ޙަސަން މަމްދޫހު (މަންޑޭ) އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހު ވަނީ އަމުރުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކޭ-ޕާކް އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން ތިރީގައި އެވަނީއެވެ:

your imageކޭ-ޕާކް އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން

your imageކޭ-ޕާކް އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން

your imageކޭ-ޕާކް އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން

your imageކޭ-ޕާކް އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން

ކޮމެންޓް