
މިކަން އިއުލާންކޮށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ކްލަބްތަކުގެ އެކަޑަމީތަކަށާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ އެކަޑަމީއަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
އަދި އެފްއޭއެމްގެ އެކަޑަމީ ދަފްތަރުގައި އެކްރެޑިޓްކޮށްފައި ނުވާ އެކަޑަމީތަކަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަދަ އެކަޑަމީތަކުން ފޯމު ހުށަހެޅުމަށްފަހު، އެކްރެޑިޓޭޝަންގެ މިންގަނޑުތައް ފުރިހަމަކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ.
އަންނަ އާ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖެނުއަރީ 11 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ކަމަށާ، ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެފްއޭއެމްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް ވެސް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.
ސީދާ އެ ސޯސިއޭޝަނުން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ޔޫތު ޑިވެލޮޕްމެންޓް ފުޓްބޯޅަ އާއި ގްރާސްރޫޓް ފުޓްބޯޅަ ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެފްއޭއެމުން ބުނެޏެވެ. އަދި މި މުބާރާތުގެ ސަބަބުން ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވެސް އެ އެެސޯސިއޭޝަނުން ބުންޏެވެ.
މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެން "ދިވެހި ޔޫތު ލީގު" ގެ ނަމުގައި ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން މިދިޔަ އަހަރު ވެސް އެފްއޭއެމުން މުބާރާތެއް ބާއްވާފައިވާ އިރު، އޭގެ ތެރޭގައި 14 އަހަރުން ދަށުގެ ލީގު ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.




