ރައީސް މުއިއްޒު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރި އެންމެބޮޑު ކަންބޮޑުވުން ކަމުގައިވާ، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވެ މިހާރު ފުލެޓް ނުލިބިތިބި މީހުންނަށާއި، ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ހުޅުމާލެއިން 8000 ފްލެޓަށް ކުރިމަތިލި 21347 އާއިލާގެ ފޯމްތައް އިވެލުވޭޓްކޮށް ފުލެޓް ލިބޭފަރާތްތައް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުން ކުރި އާދޭހަށް އިހްތިރާމް ކުރެއްވުމަށް ރައީސް މުއިއްޒުއަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
އެގޮތުން، މި ސަރުކާރުން ލަގްޒަރީ އެޕާޓްމެންޓުތައް އެޅުމަށްޓަކައި، ފުރަތަމަ ސްކީމުގެ 7000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތަކާއި، ދެވަނަ ސްކީމުގައި 8000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކައިނުލުމަށް އެމްޑީޕީން ތަކުރާރުކޮށް މި ސަރުކާރަށް ގޮވާލައްވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ފިޔެސްއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މަޓޭ، ތަކުރާރުކޮށް މިއަދު މިހެން ވިދާޅުވި އިރު، އެމްޑީޕީން ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޔެސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް މަޓޭ މިފަދައިން ވިދާޅުވިކަން ފާހަގަކޮށްލެވެއެވެ.
މަޓޭ ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރި އެންމެބޮޑު ކަންބޮޑުވުން ކަމުގައިވާ، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން މިހާރު ފުލެޓް ނުލިބިތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ނިންމައި ފުލެޓް ހަވާލު ކޮށްދިނުމަށް މިސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
އަދި ހަމަ އެހެންމެ ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ހުޅުމާލެއިން 8000 ފްލެޓަށް ކުރިމަތިލި 21347 އާއިލާގެ ފޯމްތައް އިވެލުވޭޓްކޮށް ފުލެޓް ލިބޭފަރާތްތައް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުން ކުރި އާދޭހަށް އިހްތިރާމް ކުރުމެއްނެތި، ލަގްޒަރީ އެޕާޓްމެންޓް އެޅުމަށްޓަކައި ފުރަތަމަ ސްކީމުގެ 7000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތަކާއި، ދެވަނަ ސްކީމުގައި 8000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކައިނުލުމަށް މި ސަރުކާރަށް ތަކުރާރުކޮށް ގޮވާލައްވާ ކަމަށް ވެސް މަޓޭ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން މި ސަރުކާރަށް ދެއަހަރު ފުރުނު ދުވަސްކަމުގައިވާ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެއްސި ބޮޑު އެއްވުން އެ ޕާޓީން ފަހުގެ ތާރީހަކަށް މަޑުޖައްސާލުމަށް ފަހު މިއަހަރު ތެރޭގައި ބޮޑުކޮށް ބާއްވާނެ ކަމަށް ވެސް އެމްޑީޕީން ހޯމަދުވަހު ބުންޏެވެ.
މިކަން ހާމަކުރައްވާ މަޓޭ ވިދާޅުވީ، ހުސްވި 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވީ ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ބޯހިޔާވަހިކަމުގެ އެއްވުމުގައި، އެ މައުޟޫގެ މައްޗަށް 6 ޑިމާންޑެއް ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށެވެ.
ނަމަވެސް، އެ ޑިމާންޑުތަކަށް މި ސަރުކާރުން ބީރުކަންފަތެއް ދީފައި ވުމުން، އެމްޑީޕީން ދެން ބާއްވާ ބޮޑު އެއްވުމުގައި ނުކުންނާނީ އެ ޑިމާންޑުތަކާ ވެސް އެކުގައި ކަމަށް މަޓޭ ވިދާޅުވިއެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވީ ހުކުރުދުވަހުގެ ރޭ ބޭއްވި ބޯހިޔާވަހި ކަމުގެ އެއްވުމުގައި އިއްވި 6 ޑިމާންޑަކީ:
- މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ދެ ސްކީމުގެތެރެއިން ފުރަތަމަ ސްކީމްގައި ޝަރުތުހަމަވި 22766 އާއިލާ އާއި ދެވަނަ ސްކީމަށް ކުރިމަތިލި 40594 އައިލާގެ ތެރެއިން ޝަރުތު ހަމަވާނެކަމަށް ބެލެވޭ 29234 އާއިލާ އާއިއެކު ޖުމުލަ ފަންސާސް ދެހާސް އާއިލާއެއްގެ ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުން.
- ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެގްރިމެންޓު ހަދާފައިވާ ފަރާތްތަކަށް އެ ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި، އަދި ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ފެށުން.
- މީގެ ކުރިން ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހި ކަމުގެ އެއްބަސްވުމަކީ ގަނެވިއްކާ އެއްބަސްވުމަކަށް ވީހިނދު، ފަހި ދިރިއުޅުން 4000 ފްލެޓު ދިނުމުގައި މި ސަރުކާރުން ހަދަމުންދާ ކުލީގެ އެއްބަސްވުން ގަނެއްވިއްކާ އެއްބަސް ވުމަކަށް ބަދަލުކޮށްދިނުން.
- ކުރީ ސަރުކާރުން އެފްޑީސީ މެދުވެރިކޮށް އެއްބަސްވުން ހަދައި ސޮއިކޮށްފައިވާ ފުލެޓްތަކުގެ ހައްޤުވެރިންނާއި ހަވާލުކޮށްފައިވާ 4000 ފްލެޓުގެ ކުލި، ކުރީސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑު ނުކުރުމާއި، އެތަންތަނުން ނަގަމުން އަންނަ ޑައުން ޕޭމަންޓު ކަނޑާލުން.
- ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށާއި، އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، މިރަށްތަކުގައި ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.
- ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން. މިއެވެ.