ޔޫޓީއެފް އާއި ފަހި ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން - ފޮޓޯ: ފިޔެސް
ގެދޮރުވެރިޔާ ސްކީމުން ފުލެޓު ހަވާލުނުކުރެވިވާ ފޯމްތަކަށް އިހްތިރާމް ކުރުމަށް ފަހިޔޫނިއަން އިން ގޮވާލައިފި
"ކުރީ ސަރުކާރުން ނެރެފައިވާ ފުލެޓް ލިސްޓު ތަކުގައި ހިމެނޭ އެއްވެސް ފަރާތަކަށް އަލުން ފުލެޓަށް ފޯމް ހުށަހަޅަން ނުޖެހޭގޮތް ހައްދަވައި ދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުުދުފުޅެއް."
ޖުނާން އަޙުމަދު 7 ޖެނުއަރީ 2026 (ބުދަ)   22:21
ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގައި ޝަރުތު ހަމަވެ މިހާރު ފުލެޓް ނުލިބިތިބި ފޯމްތަކަށް އިހްތިރާމް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުއްތޮލިބް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިއުމަށް މިނިސްޓަރު މުއްތަލިބަށް އަންގަވައި ދެއްވުމަށް، ފްލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުއިއްޒުއަށް ގޮވާލައިފިއެވެ.

ފަހި ޔޫނިއަން އާއި، ޔޫޓީއެފް (އުތުރު ތިލަފަޅު ޔޫނިއަން) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަހި ޔޫނިއަންގެ ރައީސް އިބްރާހީމް ނޫރައްދީން (ނޫރު) ވިދާޅުވީ، ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގައި ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން މިހާރު ފުލެޓް ނުލިބިތިބި 9763 މީހުންގެ ފޯމްތަކަށް އިހްތިރާމް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުއްތޮލިބް 28 ޑިސެމްބަރު 2025 ގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިއުމަށް މިނިސްޓަރު މުއްތަލިބަށް އަންގަވައި ދެއްވުމަށް ރައީސް މުއިއްޒުއަށް ދަންނަވާ ކަމަށެވެ.

ކުރީ ސަރުކާރުން ޝަރުތުހަމަވާކަމަށް ނިންމައި ނެރެފައިވާ ފުލެޓު ލިސްޓު ތަކުގައި ހިމެނޭ އެއްވެސް ފަރާތަކަށް އަލުން ފުލެޓަށް ފޯމް ހުށްހަޅަން ނުޖެހޭގޮތައް ހައްދަވައި ދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުުދުފުޅެއްކަން ހަނދުމަކޮށްދެއްވާ ކަމަށް ވިދާޅުވެ ނޫރު ވިދާޅުވީ، ރައީސް މުއިއްޒު މާލޭ ސަރަހައްދުގެ ރައްޔިތުންނާއެކު މިފަހުން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ފާޅުކުރި އެންމެބޮޑު ކަންބޮޑުވުމަކީ ވެސް އެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ކަންބޮޑުވުންކަން ވަރަށްބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.

ހާއްސަކޮށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން މިހާރު ފުލެޓް ނުލިބިތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ނިންމައި ފުލެޓް ހަވާލު ކޮށްދިނުމަށް އެ ބައްދަލުވުންތަކުގައި ގިނަ ރައްޔިތުންތަކެއް އެދިފައިވާ ކަމަށް ވެސް ނޫރު ވިދާޅުވިއެވެ.

އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ހުޅުމާލެއިން 8000 ފްލެޓަށް ކުރިމަތިލި 21347 އާއިލާގެ ފޯމްތައް އިވެލުވޭޓްކޮށް ފުލެޓް ލިބޭފަރާތްތައް ކަނޑައަޅައި ދިނުމަށް ވެސް އެ ރައްޔިތުން ރައީސް މުއިއްޒުގެ އަރިހުން އާދޭހާއެކުގައި އެދިފައިވާ ކަން ވެސް ނޫރު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ފުރަތަމަ ސްކީމުގެ 7000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތަކާއި، ދެވަނަ ސްކީމުގައި 8000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތައް ލަގްޒަރީ އެޕާޓްމެންޓު އެޅުމަށް މި ސަރުކާރުން ވިއްކަން އިއުލާން ކޮށްފައިވަނީ، ބޯހިޔާވަހިކަމަށް އެދި ރައްޔިތުން ކުރި އާދޭސްތަކަށް އިހްތިރާމް ކުރުމެއްނެތި  ރައްޔިތުން އެ އާދޭސް ބޮލާލާ ޖެހުމުގެ ގޮތުން ކަމުގައި ފަހި ޔޫނިއަން އިން ދެކޭކަމަށް ނޫރު ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ފުލެޓުތަކުގެ އެޑްވާންސް ޕޭމަންޓް އެއްފަހަރާ ދެއްކުމަކީ ދަތިކަމެއްކަން އާދޭހާއިއެކު ރައީސް މުއިއްޒުގެ އަރިހުގައި ދެންނެވުމުން، މި ހުރިހާ ކަމަކުން ވެސް ދޭހަވަނީ ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންޖެހި އެހެންނަމަވެސް އެ ރައްޔިތުން އުޅެމުންގެންދާ ދަތިހާލު ކަން ފާހަގަކުރައްވަމުން ނޫރު ވިދާޅުވީ، ކަން މިހެން ހުރިނަމަވެސް، މި ސަރުކާރުން ނިންމާފައިވަނީ ކުރީ ސަރުކާރުގެ ފުރަތަމަ ސްކީމުގެ 7000 ފުލެޓާއި ދެވަނަ ސްކީމުގެ 8000 ފުލެޓް އެޅުމަށް އެލޮކޭޓް ކޮށްފައި ހުރި ހުރިހާ ބިމެއްގައި ލަގްޒަރީ އެޕާޓްމެންޓް އެޅުމަށް ވިއްކާލުމަށް ކަމަށްވާތީ، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

އާންމު ނިކަމެތި ރައްޔިތުމީހާގެ ބޯހިޔާވަހިކަން މި ސަރުކާރުން ނިގުޅައިގަތުމުން އެކަމުގެ ޝަކުވާ ހިފައިގެން ދާނެ ވުޒާރާއެއް، މިނިވަން މުއައްސަސާއެއް މިހާރަކު ނެތް ކަމަށާ، ދާންހުރި ހުރިހާތަނެއް ވަނީ، ސަރުކާރުގެ މުށުތެރޭގައި ފިތިފައި ކަމަށް ފިޔެސްއާ މައުލޫމާތު ހިއްސާކުރައްވަމުން ނޫރު ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ.

ނޫރު ވިދާޅުވީ ރައްޔިތުންނަށް ދެން އޮތް ހަމައެކަނިގޮތަކީ އަޑުއުފުލުމަށް މަގުމައްޗަށް ނުކުތުން ކަމަށާ، އެހެންކަމުން، އެގޮތަށް އަމަލުކުރުމުގެ ގޮތުން، ބޯހިޔާވަހިކަމަށް މިސަރުކާރުން އިހުމާލު ވެފައިވާތީ އެކަމާގުޅިގެން ބާއްވާ އެއްވުންތަކުގައި، ބޯހިޔާވަހިކަމުގެ ހައްގު ގެއްލިފައިވާ ވީހާވެސް ގިނަބަޔަކު ބައިވެރި ވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ކޮމެންޓް